ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު، އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެ އެވެ.
ދަރިކަލުން އަދި ފުލުހުންގެ އިސް އޮފިސަރަކަށް ކުރިން ހުންނެވި އަހުމަދު ޝުހާދު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވަނީ އޭނާގެ ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:15 ގަ އެވެ.
އާއިލާއިން އަންނަނީ ޝަކޫރުގެ ހަށިގަނޑު ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންނެވެ.
ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށްފަހު ޝަކޫރު ރިޓަޔާކުރެއްވީ މާޗު 5، 2009 ގަ އެވެ.
ރިޓަޔާމަންޓާ ގުޅޭގޮތުން އޭނާ އޭރު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ކޮށްދެވުނު ހިދުމަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެންމެ ކުރިން ވެސް ނިންމައިގެން ހުރީ ހިދުމަތަށް 43 އަހަރު ވުމުން މަގާމުން އިސްތިއުފާ ދޭން. މިހާރު ފުލުހުންގެ ގާނޫނުން ވޮލަންޓްރީކޮށް ރިޓަޔާ ހުށައެޅުމަށް ފުރުސަތު ލިބުމުން އަޅުގަނޑު އެގޮތަށް ހުށައެޅީ،" ޝަކޫރު އޭރު ވިދާޅުވެފައިވެ އެވެ.
ޝަކޫރު އަވަހާރަވުމާ ގުޅިގެން ފުލުހުން ވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔައިފަ އެވެ.