މިދިޔަ މަހުގެ 31ގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން ދިޔަ ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ އެވެ.
ހުޅުމާލެ 2 ގައި އެ އެކްސިޑެންޓް ހިނގީ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނިޔާވީ ސައިކަލް ދުއްވި، ޅ. ކުރެންދޫ، މުހައްމަދު އަފީފު، 62، އެވެ. އެ އެކްސިޑެންޓުގައި ދެން ޒަހަމްވީ އެ ސައިކަލްގެ ފަހަތުގައި އިން 24 އަހަރުގެ މީހަކަށެވެ.
އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވި މުހައްމަދު އަފީފުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.
އަފީފަކީ އެކި ސްކޫލްތަކުގައި، ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވި ޓީޗަރެކެވެ.
އުމުރުން އެންމެ ޒުވާން ދުވަސްވަރުގައި އަމަލީ މައިދާނަށް ނިކުންނަވައި، ދިވެހިބަހާއި ދީނިއްޔާތު އަދި ތިމާވެށީގެ އިލްމު، ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް މާލޭގެ އެކި ސުކޫލުތަކުގައި 32 އަހަރު އޭނާ ކިޔަވައިދެއްވި އެވެ.
އޭނާ ވަނީ ދިވެހި މުދައްރިސުކަން ޖަމާލުއްދީން ސުކޫލާއި އަހުމަދިއްޔާ ސުކޫލާއި އަމީނިއްޔާ ސުކޫލާއި ޅ. އަތޮޅު މަދަރުސާ އާއި ފަރީދިއްޔާ ސުކޫލުގެ އިތުރުން ޣާޒީ ސުކޫލުގައި ވެސް އަދާކުރައްވާފަ އެވެ.
މީއީ ހުޅުމާލޭގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓުތަކުގައި ނިޔާވި ދެ ވަނަ މީހާ އެވެ. ފުރަތަމަ ނިޔާވީ ހުޅުމާލޭ ވިނަރެސް ފްލެޓްތައް ކައިރީ ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 9 އަހަރުގެ ކުއްޖެކެވެ.