ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު އަބްދުﷲ އަކީ މުޅި ހަޔާތުގައި ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދިފާއީ ބާރު އަދި ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރައްވައި ރިޓަޔާކުރެއްވި ޝަކޫރު އަވާހަރަވުމުން އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ ޝަކޫރުގެ ބައެއް ހިދުމަތްތަކުގެ ހަނދާންތައް އާ ކުރައްވައިފަ އެވެ. 

ރައީސް ވިދާޅުވީ ޝަކޫރަކީ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރަން ހިތްވަރާ އެކު ޖިހާދުކުރެއްވި ބޭފުޅެއް ކަމަށެވެ.

އޭގެ އިތުރުން އެއީ ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މުޅި ހަޔާތްޕުޅުގައި ވެސް ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް،" ރައީސް ވިދާޅުވި އެވެ.

އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ، ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:15 ގަ އެވެ.

އާއިލާއިން އަންނަނީ އޭނާގެ ހަށިގަނޑު ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންނެވެ.