ބީއެމްއެލް މެދުވެރިވެގެން އިމާރާތްކުރާ ފްލެޓުތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް 10،000ރ. ގައި ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންއާ ގުޅިގެން ބީއެމްއެލް އިން ވަނީ ބޭންކުގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އުފައްދައިފަ އެވެ. އޭގެ ދަށުން މާލެ ސަރަހައްދުގައި 3،260 ފްލެޓު އިމާރާތްކުރުމާ ގުޅޭ މަސައްކަތްތައް ކުރިއަށް އެބަގެންދެ އެވެ.
މި ފަހުން ބީއެމްއެލުން ވަނީ އެ ފްލެޓުތަކުގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކުރި 1،224 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފަ އެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރާއްޖޭގެ ގައުމީ ބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވީ އަގުހެޔޮ ފްލެޓު މަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.
ލީސް ޓު އޯން ނުވަތަ މަހުން މަހަށް ކުލި ދައްކައިގެން މިލްކު ކުރެވޭ މޮޑެލްއެއްގައި އެ މަޝްރޫއު ކުރިއަށް ގެންދަނީ ވެސް އެ ސަބަބާހުރެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިން ކޮޓަރީގެ ފްލެޓެއްގެ އަގު އުޅޭނީ ގާތްގަނޑަކަށް 10،000ރ. ގައި ކަމަށް ބެލެވެ އެވެ.
"މީގެ ތެރޭގައި ކުލި މިހާވަރެކޭ ދަންނަވައި، ފައިނަލް ކުރަން ތަންކޮޅެއް އަވަސް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް 10،000 ވަރަކަށް ހާސް ހިސާބުގައި ތިން ބެޑްރޫމް އެޕާޓްމަންޓެއްގެ ކުލި ހަމަޖެހިގެން ދިއުމަކީ އެކަށީގެންވާ ކަމެއް އަޅުގަނޑުމެން މިހާރު ހިސާބުކުރަމުންދާ ވަރަށް ބަލާއިރު،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މާކެޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 25،000-30،000ރ. އާ ދެމެދުގައި ކަމަށެވެ. އެހެންވެ، ކުލި އެހާ ކުޑަވުމަކީ ފްލެޓު ލިބޭ މީހުންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލް އިން އިމާރާތްކުރާ ހުރިހާ ފްލެޓެއްގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުން ވަނީ 2028 ގައި އެ މަޝްރޫއުތައް ނިންމުމަށް އެއްބަސްވެފައި ކަމަށެވެ.
ބީއެމްއެލް އިން އިމާރާތްކުރާ 3،260 ފްލެޓުގެ ތަފްސީލު:
- 1،224 ފްލެޓު - ސީއެމްއީސީ
- 1،190 ފްލެޓު - ބީޔޫސީޖީ
- 364 ފްލެޓު - އަމީން ކޮންސްޓްރަކްޝަން
- 182 ފްލެޓު - އެފްޑަބްލިޔު ކޮންސްޓްރަކްޝަން
- 300 ފްލެޓު - ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން
އެ ފްލެޓުތަކުގެ ތެރެއިން ސީއެމްއީސީ އާއި ބީޔޫސީޖީން ފްލެޓު އިމާރާތްކުރަނީ ހުޅުމާލެ ތިނެއްގަ އެވެ. އަދި އަމިން އާއި އެފްޑަބްލިއު އިން ހުޅުމާލެ އެކެއްގައި ފްލެޓު އަޅާއިރު 300 ފްލެޓު އަޅަނީ ވިލިމާލޭގަ އެވެ.