މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އާންމު ރައްޔިތުންނަށާއި އާންމުންނާ ގުޅުން ހުރި އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން ބަލައެއް ނުގަނެވޭނެ ކަމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދުނިޔެ އިން އިތުރަށް ބާރު އެޅުމަށް ރާއްޖޭން ގޮވާލައިފި އެވެ.

ރާއްޖެ އިން އެކަމަށް ގޮވާލީ އިރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބޭއްވި ކުއްލި ބައްދަލުވުމުގަ އެވެ.

ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން، ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، ސައުދީ އަރަބިއްޔާ، ގަތަރު، އުރުދުން، އޮމާން، ކުވައިތު އަދި ޔޫއޭއީގެ އާންމުންނާ ގުޅުން ހުރި އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާތައް ރާއްޖޭން ކުށްވެރިކުރާ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތި އުފުލާ ވިއުގަތަކާއި ކަނޑާއި ވައިގެ ދަތުރުފަތުރަށް އިންތިހާ އަށް ބުރޫއަރަމުންދާކަމުގެ ކަންބޮޑުވުން ރާއްޖެ އިން ފާޅުކުރި އެވެ. 

އެހެންކަމުން އދ. ގެ ޗާޓަރުގައި ބުނާ ގޮތުގެ މަތިން ބާރުގެ ބޭނުން ނުކޮށް ސުލްހަވެރިކަމާ އެކު، މައްސަލަތައް ހައްލުކުރަން އިސްކުރުމަށާއި އދގެ ސަލާމަތީ މަޖިލީހުގެ ގަރާރާ އެއްގޮތަށް މެދުއިރުމަތީގެ މަސްރަހު ފިނިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ރާއްޖެ އިން ގޮވައިލި އެވެ.

އަދި އެކަމަށް މަގުފަހިކުރުމަށްޓަކައި، ހާރިޖީ ގުޅުންތަކާއި މަޝްވަރާގެ ތެރެއިން މި ކަމަށް ސުލްހަވެރި ހައްލެއް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ފުޅާކުރުމަށް ވެސް ރާއްޖޭން މިއަދު ގޮވައިލި އެވެ.

ކުއްލި ބަހުސްގެ ތެރެއިން ހުށަހެޅި "ހިއުމަން ރައިޓްސް އިމްޕްލިކޭޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް އިރާންސް އަންޕްރޮވޯކްޑް އެޓޭކްސް އަގައެންސްޓް ބަހްރެއިން، ކުވެއިތު، އޯމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އެންޑް ޖޯޑަން" ގަރާރު ރާއްޖޭން ވަނީ ކޯ-ސްޕޮންސާ ކޮށްފަ އެވެ. 

މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ރައްދުގައި އީރާނުން ހަމަލާދޭން ފެށީ އިޒްރޭލާއި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.

ނަމަވެސް، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގެ ތެލާއި ގޭސް އުފައްދާ ބައެއް ކާރުހާނާތަކަށް ހަމަލާދީފަ އެވެ.