ސުންނީ އަދި ޝީއީ މަޒުހަބީ ތައައްސުބްގެ ތެރެއަށް ދިވެހި މުޖުތަމައު ވެއްޓިގެން ދިއުމުގެ ފުރުސަތު ނުދެއްވުމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
އެކި މަޒުހަބުތަކުގެ ބަހުސް ބޮޑުވެފައިވަނިކޮށް، އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ޝަހީމް ވިދާޅުވީ ދިވެހިންނަކީ ސުންނީ ޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި، ގުރުއާނާއި ސުންނަތާއި ސަލަފުއްސާލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި އަދި އިސްލާމްދީނުގެ ވަސަތީ އުސޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއް ކަމަށެވެ.
އެ ޖަމާއަތުގެ މަތިވެރި އަގީދާގައި ރާއްޖެ ދެމި އޮންނާނެ ކަމަށާއި އަދި އެ އަސާސްތައް ދެމެހެއްޓުމަށް އާއްމުންނާއި އިލްމުވެރިންގެ ކިބައިން މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
ޝަހީމް ވަނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވައި އަދި ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް އާއްމުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަން ވެސް އިލްތިމާސްކުރައްވައިފަ އެވެ.
"ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެން ޖެހޭނެ. ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް ވެސް ނަސޭހަތްތެރިވަން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލުން ބައިވެރިވެ މި ފަހުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވަހާރަވުމުން، ސުންނީ އަދި ޝީއާ މުސްލިމުންގެ ބަހުސް ވަނީ ފެށިފަ އެވެ.
މި ފަހުން އެ ވާހަކަތައް އިތުރަށް ބޮޑުވީ، ދީނީ އިލްމުވެރިޔާ އަހުމަދު ސަމީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
ސަމީރު، 60،000 އަށްވުރެ ގިނަ މީހުން ފޮލޯކުރާ އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ އީރާނުގެ ދީނީ މުރުޝިދު ހުމައިނީ އާއި ހާމަނައީގެ ފޮތްތަކުގައި ސަރީހަކޮށް ލިޔެ ފާޅުކޮށް ބަޔާންކޮށްފައިވާ ވާހަކަތަކުން، އެ ދެ މީހުންނަކީ ސަހާބީންނަށް ބަދު ބަސް ބުނާ، ޝީއީ މަޒުހަބުގެ ބާތިލް އަގީދާގައި ދެމިތިބި ދެ މީހުންކަން އެނގި ކަށަވަރުވި ކަމަށެވެ.
އެކަންކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ސުންނީ ނުވަތަ ޝީއީ މުސްލިމެކޭ އަދުއްވުން ކިޔަނީ މުސްލިމުން ބައިބައި ކުރާށެވެ. އެ އެންމެންނަކީ ވެސް މުސްލިމުން ކަމަށް އޭނާ ވިދާޅުވި އެވެ.