ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކޮށް އަދި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމާއި ކުޑަކުދިންނާ އެކު ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައި ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގދ. ފިޔޯރީ، މޫސަލް މުއީން އެވެ. އޭނާއަކީ ޓީވީއެމްގައި ކުޑަކުދިންގެ ޝޯތައް ވެސް ޕްރޮޑިއުސް ކުރަމުން އައި މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާ މިދިޔަ މަހު 26 ގައި ހައްޔަރުކުރީ ޝޯއަކަށް ގެންދިޔަ ކުއްޖަކާ އެކަށީގެންނުވާ ވާހަކަ ދައްކައި ގްރޫމްކުރަން އުޅުނު މައްސަލައެއްގަ އެވެ. އެ މައްސަލަ މީގެ ހަތަރު ވަރަކަށް މަސް ކުރިން ފެންމަތިވުމާ އެކު އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ 37 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ކުއްޖާ ގްރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.
އޭނާ ގިނަ އަދަދެއްގެ ފިރިހެން ކުދިންނާ މިފަދަ ގުޅުންތައް ބާއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެނގިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާ އެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވެ އެވެ.
އެ މައްސަލާގައި މޫސަލްގެ، ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދަށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ އެފަދަ މަންޒަރުތައް ގެންގުޅުމާއި ފެތުރުމާއި އެ ކުދިންނާ ގުޅުންހުރި ހުރިހާ ކުށުގެ މައްސަލަތަކަކީ ވެސް ފުލުހުންގެ ހިދުމަތުން ހާއްސަ އިސްކަމެއްދީގެން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތައް ކަމަށެވެ.