އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ދައުލަތުން ތުހުމަތުކުރާއިރު، އޭނާގެ ދޮންދަރިއެއް ނުހުންނަ ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައި ކޯޓުގައި ވަކާލާތު ކުރައްވައިފި އެވެ. 

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މި މަހު ކުރީކޮޅު އެވެ. އޭނާ މިހާރު ހުރީ ކްރިމިނަލް ކޯޓުން ނެރެފައިވާ 30 ދުވަހުގެ ބަންދު އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފަ އެވެ. 

ޝާހިދު ބަންދުކުރަން ދައުލަތުން ކޯޓަށް ހުށަހެޅި ފޯމުގައި، އަނިޔާ ލިބުނު ކުއްޖާއަކީ ޝާހިދުގެ ދޮންދަރިކަމަށް ބަޔާންކޮށްފައި އޮތެވެ. 

އެ އަމުރު އިސްތިއުނާފުކުރަން ޝާހިދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ ބަހުސަކީ ކުއްޖާއަކީ އޭނާގެ ދޮންދަރިއެއް ނޫން ކަމެވެ. އަދި ކުއްޖާއަކީ އޭނާގެ ދޮންދަރިއެއްކަން ބަޔާންކޮށް، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ފޯމުގައި ބަޔާން ކޮށްފައި އޮތީ ގާނޫނާހިލާފަށް ކަމަށް ޝާހިދުގެ ފަރާތުން ކޯޓުގައި ފާހަގަކުރި އެވެ. 

ހައްޔަރުކުރި އަމުރުގައި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ކޮށްފައި ނުވާކަމާއި ފޯމުގައި ބަޔާންކޮށްފައިނުވާ ތުހުމަތެއްގެ މައްޗަށް އޭނާ ބަންދުކުރަން ކޯޓުން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުގައި ޝާހިދުގެ ފަރާތުން ބުނެފައިވެ އެވެ.

ކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފާހަގަކުރީ މައްސަލައާ އެކު ހުށަހެޅުނު ބަޔާންތަކުން ކުއްޖާ ޝާހިދާ މުހާތަބުކުރަނީ 'ބައްޕި' ގެ ގޮތުގައި ކަމާއި ޝާހިދަކީ ކުއްޖާގެ ދޮންބައްޕަކަމަށް ކުއްޖާ ގަބޫލުކުރާކަން އެނގޭކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމަށެވެ. 

ނަމަވެސް، ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ޝާހިދު ހައްޔަރުކޮށް އޭނާއަށް ގާނޫނީ އިންޒާރު ދިން އިރުގައި ވެސް ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށާއި އެހެންކަމުން މި ކުށުގެ ތުހުމަތަކީ އޭނާގެ މައްޗަށް ނުކުރާ ނުވަތަ ނުކުރެވޭ ތުހުމަތެއް ކަމުގައި ބަލައި، ނުކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކޮށް ބަންދުކުރުން ކަމުގައި ނުބެލެވޭނެ ކަމަށެވެ. 

މި މައްސަލައިގައި ދަށު ކޯޓުން ނެރެފައިވާ އަމުރުގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އުފެދޭ މިންވަރަށް ހެކި ހުރިކަމަށް ބަޔާން ކޮށްފައިވެ އެވެ. ނަމަވެސް، ޝާހިދުގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ގޯސް ހެކިތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ. 

ނަމަވެސް، ހައި ކޯޓުގެ ހުކުމްގައި ބުނީ މައްސަލައާ ގުޅިގެން ދަށު ކޯޓަށް ހުށަހެޅި ލިޔުންތަކާއި ބަޔާންތަކުން ޝާހިދުގެ މައްޗަށް ކުށުގެ ތުހުމަތެއް ކުރެވޭ ސަބަބުތަކެއް ހުރިކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ބެލެވޭނެ ހާލަތެއް ނެތް ކަމަށެވެ.

ތަހުގީގަށް ލިބިފައިވާ ބަޔާންތަކަށް ބާރުލިބިދޭ އިތުރު ލިޔެކިޔުންތަކެއް ވެސް ހުށަހަޅާފައިވާއިރު މިއީ ތަހުގީގު މަރުހަލާގައި މިފަދަ މައްސަލައެއްގައި މީހަކު ބަންދުގައި ބެހެއްޓުމުގައި ހެކި ހުރި ކަމަށް ބެލެވޭނެ ހާލަތެއް ކަމަށް ހުކުމްގައިވެ އެވެ. 

މި މަރުހަލާގައ،ި ދައުލަތުން ހުށަހެޅި ހެއްކަކީ ޝަރީއަތަށް ބަލައިގެނެވޭނެ ހެކިކަން ނުވަތަ ނޫންކަން ކަނޑަނޭޅޭނެ ކަމަށް ވެސް ހުކުމްގައި ފާހަގަކުރި އެވެ. 

ޝާހިދު ހައްޔަރުކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރާއިރު ކުއްޖާގެ ބަޔާން ނެތް ކަން ވެސް އޭނާގެ ފަރާތުން ކޯޓުގައި ފާހަގަކުރި އެވެ. ފުލުހުންގެ އަތުގައި އޮތީ އަނިޔާ ލިބުނު ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހާގެ ބަޔާނެކެވެ. 

ހުކުމްގައި ބުނީ މައްސަލަ އޮތް މަރުހަލާގައި ދަށު ކޯޓުގެ ފަނޑިޔާރު ބަލަންޖެހޭ ކަމަކީ މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ނުވަތަ ނޫންކަން ކަމަށެވެ.

"އެކަން ކަނޑައެޅުމުގައި ކުއްޖާގެ ބަޔާން އޮތުން ލާޒިމެއް ނޫނެވެ. ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހަކު އެ ވާހަކަ ތަހުގީގަށް ކިޔައިދީފައި އޮތްއިރު، އެ ވާހަކަތަކާއި މައްސަލައިގައި ދެން ލިބުނު ހެކިތަކުން މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭކަމަށް ގަބޫލުކުރެވޭނަމަ އެކަން ސަބަބާއެކު ބަޔާން ކޮށްދީފައި އޮތުމުން ފުދޭނެ އެވެ،" ހުކުމްގައިވެ އެވެ. 

އެހެންވެ ހައި ކޯޓުން ކަނޑައެޅީ ޝާހިދު ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.