ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު އިސްތިއުނާފު މައްސަލަ ފަށަން މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ. 

ޝާހިދުގެ ފުރިހަމަ ނަން ހާމަނުކޮށް ހައި ކޯޓުން ނެރުނު ތާވަލުގައިވާ ގޮތުން އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ފަށަން އޮތީ މެންދުރު 1:00ގަ އެވެ. ނަމަވެސް، މިހާރު އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. 

އަޑުއެހުން ކެންސަލްކުރި ސަބަބެއް ހައި ކޯޓުން ނުބުނެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މި މަހު ކުރީކޮޅުގަ އެވެ. ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.