ވިނަރެސް ފްލެޓެއްގައި ލޯންޑްރީ ފެކްޓަރީއެއް ހިންގާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހައުސިން ގްރޭޓާ މާލެ ނަމަކަށް ކިޔާ އެކައުންޓަކުން އެކްސްގައި އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، އިންޑަސްޓްރިއަލް ސްޓެންޑާޑުގެ އެ ލޯންޑްރީ ފެކްޓްރީ ހިންގަނީ ވިނަރެސް ހުޅުމާލެ 2 ގެ 8އޭ-206ގަ އެވެ.

ސޯޝަލް ކެޓަރީގެ ތެރެއިން ދޫކޮށްފައިވާ އެ ފްލެޓުގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ ދޮންނަ މެޝިނާއި ހިއްކާ މެޝިން އަދި އެ ތަކެތި އިސްތިރިކޮށް ރީތިކޮށް ފަތްޖަހާލެވޭ މެޝިން ވެސް ބަހައްޓައިފަ އެވެ.

ނަމަވެސް، އާއްމުން ދިރިއުޅޭ ތަންތަނުގައި މި ފަދަ މަސައްކަތްތައް ކުރުމަކީ މަނާކޮށްފަ އެވެ.

ހުޅުމާލޭގައި އެ މަސައްކަތަށް ހުއްދަ ދީފައި ވަނީ ރަށުގެ އިރުމަތީ އަދި ދެކުނުގެ ސަރަހައްދުތަކެވެ. 

ފެކްޓްރީ ހިންގަން ބޭނުންވާ ގިނަ އަދަދެއްގެ ގޭސްފުޅި ވެސް އެ ވީޑިއޯ އިން ފެނެ އެވެ. އަދި ދޮންނަން ޖެހޭ ސާމާނު އަދި ދޮވެފައި ހުރެ ތަކެތި އުފުލަން ބޭނުންކުރަނީ، އާއްމުން ބޭނުންކުރާ ލިފްޓުތަކެވެ. 

މިކަމާ ގުޅިގެން، ވިނަރެސް ފްލެޓުތައް ބަލަހައްޓާ އެޗްޑީސީގެ ބަހެއް އަދި ނުލިބެ އެވެ.