ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓާމަރުންނާ ގުޅޭ ޑޭޓާ ބޭސްއެއް ހެކް ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެޗްޑީސީގެ ކަސްޓަމާ ޑޭޓާ ބޭސް ހެކް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ކަސްޓަމަރުންގެ މައުލޫމާތުތައް ކަމަށް ބުނާ ސްކްރީން ޝޮޓްތަކެއް މިއަދު ވަނީ ދައުރުވެފަ އެވެ.
އެ މައްސަލާގައި އެޗްޑީސީގެ ބަހެއް މިހާތަނަށް ނުލިބެ އެވެ. އެކަމަކު ބައެއް އާންމުންގެ ފޯނުތަކަށް އެޗްޑީސީގެ ނަމުގައި މިއަދު އޯޓީޕީ މެސެޖުތަކެއް ވަނީ ލިބިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ހަދާފައި ހުރި ލަގްޒަރީ ފްލެޓުތަކާއި ސަރުކާރުގެ ސޯޝާލް ހައުސިން ފްލެޓުތަކާއި އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ މައުލޫމާތުތައް ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ.