ހިޔާ ފްލެޓް ލިބުނު މީހަކު އެތަނުގެ ފިނިޝިން ނިންމަން ތިން މަހުގެ މުސާރައަށް ގަތް ހުރިހާ އެއްޗެއް، ފްލެޓަށް ވައްދަން ތިރީގައި ބަހައްޓާފައި ހުއްޓާ އިއްޔެ ވަގަށް ނަގައިފި އެވެ.
ފްލެޓްގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް މުހައްމަދު "މިހާރު" އަށް ކިޔައިދިން ގޮތުގައި ވަގަށް ގެންދިޔަ ތަކެތީގެ އަގަކީ 33،800ރ. އެވެ. އެއީ 130 ގަނޑު ތަށިމުށި، 30 ކޮތަޅު ސިމެންތި އަދި ދެ ކޮޓަރި އާއި ދެ ފާހާނާގައި ހަރުކުރަން ގެންދިޔަ ހަތަރު ދޮރުފަތެވެ.
އިބްރާހިމް ބުނީ 15 ވަނަ ޓަވަރުގެ 24 ވަނަ ފްލޯއިން ލިބިފައި ހުރި ފްލެޓަށް ގެންދިޔަ ސާމާނު ވަގަށް ގެންދިޔައީ އިއްޔެ ހެނދުނު 9:30 ހާއިރު ކަމަށެވެ. އެ ތަކެތި ތިރީގައި ބެހެއްޓީ ލިފްޓު ބިޒީކަމުން އެ ވަގުތު މައްޗަށް ނޭރުވިގެންނެވެ.
"ފަނަރަ ވަނަ ޓަވަރު ކައިރީ ބަހައްޓާފައި އަޅުގަނޑުމެން ދިޔައީ ސައި ބޯން. ގަޑިއެއްހާއިރު ނޫނީ އެއް ގަޑިއިރާ 30 މިނެޓް ވާނީ. އައިއިރު އެކައްޗެއް ވެސް ނެތް،" އިބްރާހީމް ބުންޏެވެ.
އިބްރާހީމް ބުނި ގޮތުގައި އެ ސާމާނު ގެއްލުނު ވަގުތު އެ ސަރަހައްދުގައި ގިނައީ ފްލެޓްތަކުގެ މަސައްކަތް ކުރަން އުޅުނު ބިދޭސީންނެވެ. އެހެންވެ އެ މީހުން ގާތު އަހައި، އެކި ތަންތަން ހޯދައިގެން ވެސް، ގެއްލުނު އެއްވެސް އެއްޗެއް ނުފެނުނު ކަމަށް އޭނާ ބުންޏެވެ.
"މިއަދު ހެނދުނު ވެސް އަޅުގަނޑު މިއައީ ފްލެޓްތައް ކައިރިއަށް ގޮސް އެ ފެނޭތޯ އުޅެފައި. އަނެއްކާ ވެސް މިދަނީ ދާން އެ ސަރަހައްދަށް. މީހުން މަސައްކަތްކުރާ ތަނަށް ގޮސް ބަލައި އެއިން އެއްޗެއް ފެނޭތޯ."
ދަފްތަރު ކެޓަގަރީން ފްލެޓް ލިބުނު އިބްރާހީމް ބުނީ އެ މައްސަލަ ޕޮލިހަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަމަކު އޭނާ ބުނީ އަދި ފުލުހުންގެ ހަބަރެއް ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.