އޭސީކޮށްފައި ހުންނަ ކްލާސްރޫމްގައި ތިބޭއިރު، ފިނިވާ ދަރިވަރުން ޖެކެޓު ލާން ރަސްމީކޮށް ހުއްދަ ހޯދަން ޖެހޭ ގޮތަށް، ސަލާހުއްދީން ސްކޫލުން ހަމަޖައްސައިފި އެވެ.

އެ ސްކޫލުގެ ގްރޫޕަށް މިއަދު ފޮނުވި ސާކިއުލާގައި ވަނީ އޭސީ ކްލާތަކުގައި ތިބޭއިރު ބޮޑަށް ފިނިވާ ދަރިވަރުން ކްލާސްރޫމް ތެރޭގައި ޖެކެޓުލުމުގައި އަމަލުކުރާނެ ގޮތްތަކާއި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހިމަނައިފަ އެވެ.

އެގޮތުން، އޭސީގެ ސަބަބުން މާ ބޮޑަށް ފިނިވާ ދަރިވަރުން ކްލާހުގައި ޖެކެޓުލާން ބޭނުންވާނަމަ އެ ދަރިވަރުގެ ބެލެނިވެރިޔާ އެކަމަށް އެދި ސްކޫލަށް ރަސްމީކޮށް ހުށަހަޅަންޖެހޭނެ އެވެ. އަދި ޖެކެޓު ލެވޭނީ، ދަރިވަރު ޖެކެޓު ލާންޖެހޭ ހާލަތާއި ސަބަބު ބަޔާންކޮށް އެކަމަށް އެދޭ ފޯމު ސްކޫލަށް ހުށަހަޅައި ހުއްދަ ހޯދައިގެން ކަމަށް ވެސް ވެ އެވެ. 

"ސްކޫލުން ދަރިވަރަށް ހުއްދަ ދިންކަން ގްރޭޑު ލީޑިން ޓީޗަރާއި އެ ގްރޭޑަކަށް ކިޔަވައިދެއްވާ މުދައްރިސުންނާ ސްކޫލުން ހިއްސާކުރަންވާނެ އެވެ،" އުސޫލުގައިވެ އެވެ.

ޔުނީފޯމް ކޯޑަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަ އަހަރު ގެންނަ ބަދަލުގައި ޖެކެޓު ހިމެނެ އެވެ. ނަމަވެސް، އެ ލާކަށް ހުއްދަ ބޭނުމެއް ނުވެ އެވެ.

ދަރިވަރުން ކްލާސްރޫމްގައި ބޭނުންކުރަނީ އެއް ކުލައަކުން އޮންނަ، ތަފާތު ޑިޒައިން، ލޯގޯ، ލިޔުން ނުވަތަ ކުރެހުމެއް ނެތް ޖެކެޓަކަށް ވާންޖެހެ އެވެ. 

ސަލާހުއްދީން ސްކޫލުން ބުނީ އެ ތަނުން އެންމެ ބޮޑަށް ބާރުއަޅަނީ ކަޅު ނުވަތަ އަޅި ކުލައިގެ ޖެކެޓު އަދި އެ ޖެކެޓަކީ ހުޑު ނުވަތަ ބޮލުގައި އަޅާބައި ހުންނަ ޖެކެޓަކަށް ވެގެން ނުވާނެ އެވެ. 

ޖެކެޓު ބޭނުންކުރެވޭނެ ގޮތް

- ޖެކެޓު ބޭނުންކުރެވޭނީ ހަމައެކަނި ކްލާސްރޫމް ތެރޭގައި

- ހޯލްތަކާއި ކޮރިޑޯތަކުގައި ނުވަތަ ސްކޫލު ގޯތިތެރޭގެ އެއްވެސް ތަނެއްގައި ޖެކެޓު ލައިގެން ނުވަތަ ހިފައިގެން އުޅުމަކީ ހުއްދަ ކަމެއް ނޫން

- ޖެކެޓު ނުލާ ނަމަ އެ ބާއްވަން ޖެހޭނީ ދަބަސްތެރޭގައި. ގޮނޑިތަކާއި މޭޒުތައް ނުވަތަ އެހެން ތަންތަނުގައި ޖެކެޓު ބާއްވައިގެން ނުވާނެ

އުސޫލުގައި ބުނީ ޖެކެޓުލާން ހުއްދަ ދީފައިވާ ދަރިވަރުން، އެ އުސޫލަށް ފުރިހަމައަށް އަމަލުނުކުރާނަމަ އެ ދަރިވަރަކަށް ދީފައިވާ ހުއްދަ ބާތިލްކުރުމުގެ އިހުތިޔާރު ސްކޫލުގެ އިސް އިދާރީ ކޮމެޓީއަށް ލިބޭ ކަމަށެވެ. 

އެ އުސޫލަށް އަންނަ ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. އަދި ކޮންމެ ދިރާސީ އަހަރެއްގެ ފަހު ދެ ހަފުތާގެ ތެރޭގައި ސްކޫލުން އެ އުސޫލު މުރާޖައާކުރާނެ އެވެ.

ކްލާސްރޫމްގައި ފިނިވާ ދަރިވަރުން އަމަލުކުރާނެ ގޮތުގެ އުސޫލެއް، ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލުން ހެދިއިރު، ސަރުކާރުން އަންނަނީ ހުރިހާ ކްލާހެއް އޭސީކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އޭގެ ދަށުން، ސްކޫލުތަކަށް ބޭނުންވާ އޭސީ ފޮނުވަން ވަނީ ފަށައިފަ އެވެ.