ކުޑަކުދިންތަކެއް ގޮވައިގެން މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޓީވީ ޕްރެޒެންޓަރު ނާފިއު ރަޝީދު ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓުން ދޫކޮށްލައިފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ވީޓީވީގައި ވެސް ކުރިން މަސައްކަތްކޮށްފައިވާ މަޝްހޫރު ޕްރެޒެންޓަރު ނާފިއުގެ އިތުރުން ހަތަރު މީހަކު އެ މައްސަލާގައި ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 6 ގަ އެވެ.
އެނގިފައިވާ ގޮތުގައި ނާފިއު ދޫކޮށްލީ މިދިޔަ ކުޑަ އީދު ބަންދުގެ ތެރޭގަ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ ނާފިއުގެ ބަންދު މުރާޖައާ ކޮށްދިނުމަށް އޭނާގެ ވަކީލުންގެ ފަރާތުން ކޯޓުގައި އެދުނު ކަމަށެވެ. އެގޮތަށް އެދިފައި ވަނީ ނާފިއުގެ ސީރިއަސް މެޑިކަލް ކޮންޑިޝަނެއްގެ ސަބަބުން ކަމަށް ޝަފީއު ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
ޝަފީއު ވިދާޅުވި ގޮތުގައި ކޯޓުން ނާފިއު ދޫކޮށްލީ އެކަމަށް ރިއާޔަތްކޮށެވެ.
ނާފިއު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމާ ބެހޭ ގޮތުން އަދި އެ މައްސަލާގައި ދެން ހިމެނޭ މީހުންގެ ބަންދާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ވަކި އެއްޗެއް ނުބުނެ އެވެ.
ނާފިއުގެ އިތުރުން ދެން އެ މައްސަލާގައި ހައްޔަރުކުރީ މ. އެތުމާ، އަލީ އަޝްރަފް، 35، އާއި ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހްމަދު، 33، އަދި ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު، 41، އެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއްގައި ތިއްބަ އެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް އެތަނުން ފެނިފައިވާއިރު ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރުގެ ފިރިހެން ކުއްޖަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.