ފުލުހުންގެ މުސާރައިގެ އޮނިގަނޑު ބަދަލުކުރިތާ ދެ އަހަރުވުމުން ބޮޑުކުރަން ކަނޑައަޅާފައިވާ އެލަވަންސް ދޭން ފަށައިފި އެވެ.
ދައުލަތުގެ ޕޭ ޕްރޭމްވޯކަށް ގެނައި ބަދަލާއެކު ފުލުހުންގެ މުސާރައިގެ 35 ޕަސެންޓު ބޮޑުކުރީ މާޗް 1، 2024 ގަ އެވެ.
އޭގެ ކުރިން ތަފާތު އެކި ނަން ނަމުގައި އެލަވަންސް ދިން ނަމަވެސް އެ ދުވަހުން ފެށިގެން މުސާރައަށް ބަދަލުތައް ގެނައިއިރު ހަތަރު އެލަވަންސެއް ދޭން ވަނީ ނިންމައިފަ އެވެ. އެއީ، މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސާއި އަދާކުރާ ވަޒީފާގެ އެލަވަންސް އަދި ރިސްކް އެލަވަންސެވެ.
ފުލުހުން ބުނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް، ޔުނިފޯމު ފުލުހުން ބަދަލުވިތާ ދެ އަހަރު ފުރިފައިވާތީ އެ ފްރޭމްވޯކުގައިވާ ގޮތަށް މިއަދުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ބަދަލު ގެނައީ އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ޖެހިޖެހިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ ޔުނީފޯމް މުވައްޒަފުންނަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަކީ ދޭތެރެ ދޭތެރެއިން ޑިޕާޓްމަންޓު ބަދަލުވާ ބަޔަކަށް ވާތީ އެ އިރެއްގެ ކުރާ މަސައްކަތުން މުސާރަ އަށް ވެސް ބަދަލު އަންނާނެ އެވެ.
ފުލުހުންގެ ތެރެއިން ކުރިން އެންމެ މަދުން މުސާރަ ލިބެނީ ކޮންސްޓަބަލުންނަށެވެ. އެ ރޭންކުގެ ފުލުހަކަށް އޭރު ލިބުނީ 11،810ރ. ނަމަވެސް މުސާރަ ބޮޑުކޮށް ގެނައި ބަދަލުން މަދުވެގެން މަހަކު 15،500ރ. މިހާރު ލިބޭނެ އެވެ.
އޭގެ އިތުރުން ޕެޓްރޯލްމަނުންނަށް އިތުރު 1،000ރ. އަދި ދަންފަޅި ޑިއުޓީ އަދާކުރާ ނަމަ އިތުރު 750ރ. ލިބެ އެވެ.
ކޮއްތު ފައިސާއަކީ، ކެއުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާ ތަންތަނާއި ކުރާ މަސައްކަތުގެ ބާވަތުން ކެއުމަށް ވަގުތު ނުލިބޭ ފުލުހުންނަށް ދޭ އެއްޗެކެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ. އެއާ އެއްގޮތަށް ސިފައިންގެ މުސާރަ ވެސް އަންނަ މަހުން ފެށިގެން ބޮޑުވާނެ އެވެ.