ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ހުޅުވާލައިފި އެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ހޯދަނީ 29 މީހުން ކަމަށެވެ.

އެ މަގާމުގެ މުސާއަކީ 17،175ރ. އެވެ.

ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުމާއި އުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެ އެވެ. ފިރިހެނެއް ނަމަ 5 ފޫޓް 3 އިންޗި، އަންހެނެއްނަމަ 5 ފޫޓަށް ވުރެ ކުރުވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އިތުރު ޝަރުތުތައް:

  • ވަޒީފާ އަށް ކުރިމަތިލާ ފަރާތަކީ ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ޖިނާއީ ކުށެއް ސާބިތުވެފައިވާ ނަމަ އެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައަޅާފައިވާ އަދަބު މާފުކުރިތާ ތިން އަހަރުދު ވަސް ވެފައިވާ މީހަކު ކަމުގައިވުން.
  • ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުއީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީހަކު ކަމުގައި ނުވުން.
  • ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ، ސިއްހަތާއި އަހުލާާގާއި ގާބިލުކަން ހުރި މީހަކު ކަމުގައިވުން.
  • ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުމާއި ގާނޫނުއަސާސީ އާއި ގާނޫނެއްގައި ބަޔާންކޮށްފައިވާ އިންތިހާބީ މަގާމެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން.
  • މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހަކު ކަމުގައި ނުވުން.

ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށް ދޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަނަށް ބަލާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވަޒީފާ އަށް އެދި ކުރިމަތިލުމުގެ ސުންގަނޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ. ފޯމު ހުށަހަޅާނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ.