އދ. އަތޮޅުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެންފުށިީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް ޖަރުމަނުގެ ފިރިހެނެއް މަރުވެގެން ހެނދުނު 10 ޖަހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އއ. އަދި އދ. އަތޮޅުގައި ކަނޑުމަތީގެ މި ފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. ހާއްސަކޮށް، ފެހުރިހި ބަލަން ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރާ ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ގައި ގިނަ އެވެ. 

އެހެންވެ، އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ އަހަރު ވަނީ ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ސަންޕާ އަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުން ލާޒިމްކޮށްފަ އެވެ.