ބިދޭސީން ލީގަލައިޒްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ހިންގާ ޕްރޮގްރާމްގެ ދަށުން ބިދޭސީން ލީގަލައިޒް ކުރުމުގެ އެންމެ ފަހުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހަށް އިތުރުކޮށްފި އެވެ. 

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީދާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންނާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނު ކުރަނގީގެ ދަށުން ހިންގާ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރާ ކަމަށެވެ. އަދި އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް އެ އިއުލާނުގައިވެ އެވެ. 

އެ މުއްދަތު މެއި މަހުގެ ދެވަނަ ދުވަހާ ހަމައަށް އިތުރުކުރީ ވަޒީފާދޭ ގިނަ ބައެއްގެ އެދުމުގެ މަތިން ކަަމަށް މިނިސްޓްރީން ބުންޏެވެ. އެކަމަކު އެ މުއްދަތަށްފަހު އިތުރު މުއްދަތެއް ނުލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ. 

އެކަމާ ގުޅޭ އިތުރު މައުލޫމާތު 1485 އަކަށް ގުޅައިގެން ލިބޭނެ އެވެ. 

"އޮޕަރޭޝަން ކުރަނގި"ގެ ދަށުން ބިދޭސީ މަސައްކަތްތެރިންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓު ކުރަން ފެށީ މެއި، 2024 ގަ އެވެ.

އެ އޮޕަރޭޝަނުގެ ދަށުން ހިންގާ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ހޯމް މިނިސްޓްރީން ވަނީ ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގް މަސައްކަތްތައް ކޮށްދޭން ނިންމައިފަ އެވެ. އެއީ މިނިސްޓްރީން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާއެއް ނެތް ބިދޭސީން، ވަޒީފާއަށް އެދި އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް ފުރިހަމަކޮށް ހުށަހެޅުމުން ލިބޭ ފުރުސަތެކެވެ. 

މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިހާތަނަށް 181،093 ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓުކޮށްފައިވެ އެވެ. 

އެކަށީގެންވާ ސަބަބެއް ނެތި ބަޔޯމެޓްރިކްސްގެ މައުލޫމާތު އަޕްޑޭޓު ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން މިނިސްޓްރީން ދީފައިވެ އެވެ. އަދި އެ މީހުންނަށް ވަޒީފާދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ފަަރާތްތައް ވަޒީފާއާ ގާނޫނުގެ ދަށުން 50،000ރ. އިން ޖޫރިމަނާކޮށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.