ލޯކަލް ކަައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާއި ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބު އެެއްކޮށްލުމާ ގުޅޭ ގޮތުން އަހާ ފެންނަ ނުފެންނަ ވޯޓަށް ޕާޓީތަކުން ހިންގި ވާދަވެރި ކެމްޕެއިން މިއަދު ހަވީރު ބޭއްވި ބޮޑެތި ހިނގާލުންތަކާ އެކު ނިންމާލައިފި އެވެ.
މާދަމާ ހެނދުނު 8:00 ގައި ވޯޓުލުން ފަށާއިރު ކެމްޕެއިނު ހަރަކާތްތައް މިއަދު 6:00 އަށް ނިންމާލަން ޖެހެ އެވެ.
ކެމްޕެއިން ނިންމާލުމުގެ ގޮތުން، ވެރިކަންކުރާ ޕީއެންސީން ވަނީ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފަ އެެވެ. ހެންވޭރުކޮޅުގައި ހުންނަ އެ ޕާޓީގެ މައި ޖަގަހަ ދޮރުމަތިން ފެށިގެން މަޖީދީމަގުން ކުރިއަށް ގެންދިޔަ އެ ހިނގާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއި އެ ޕާޓީއަށް ތާއީދުކުރާ އެތައް ބަޔަކު ބައިވެރިވި އެވެ.
ރަސްފަންނާ ދިމާލުން ކެމްޕެއިނު ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ މާދަމާ ވޯޓު އޮންނައިރު މުޖުތަމައުން ފެންނަ ކަންކަމާއި އިވޭ އަޑުތަކުގެ މައްޗަށް ބިނާކޮށް ސިކުނޑީގެ ބޭނުންކޮށްގެން ރަނގަޅު ނިންމުމެއް ނިންމުމަށް އިލްތިމާސްކުރައްވައިފަ އެވެ.
ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކީ ގައުމުގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމަށް ޖަހާ ފާހަގައެއް ކަމަށާއި އެހެންވެ، އެކަމަކީ އަންނަން އޮތް ޖީލުތަކުން ވެސް އެކަމާ މެދު ސުވާލުކުރާނެ ނިންމުމެއްކަމަށްވާތީ ޒިންމާދާރުކަމާ އެކު ވޯޓުލުމަށް ރައީސް އެދިވަޑައިގަތެވެ.
"ގައުމު އިސްކޮށްގެން އަޅުގަނޑުމެންގެ ގައުމަށްޓަކައި ދޭ ވޯޓެއް. ޕީއެންސީއަކީ ގައުމީ ފިކުރުގެ ޕާޓީ. އަޅުގަނޑުމެންގެ މޮޓޯއަކީ އެންމެ ފުރަތަމަ ގައުމު. އަޅުގަނޑުމެން އިސްކުރާނީ ގައުމު،" ރައީސް ވިދާޅުވެ އެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ގައުމު އޮތީ އިގްތިސާދީ ބޮޑު އަނދަވަޅެއްގައި ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އެ ހާލަތުން ގައުމު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުންދަނީ ގައުމީ ފިކުރުގައި ކަމަށާއި މި ސަރުކާރުން މިއަދާ ހަމައަށް ވެސް ކުރިއަށް ދިޔައީ އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕު ނުކޮށް ކަމަށް ރައީސް މުއިއްޒު ވިދާޅުވެ އެވެ.
ރައީސް ވިދާޅުވީ މާލީ ގޮތުން އެއްވެސް ފައިދާއެއްނުވާ ކަމެއް ކުރުމަށް 500 މިލިއަން ޑޮލަރުގެ ސްކޫކެއް ކުރީ ސަރުކާރުން ނެގި ކަމަށާއި އެ އަނބުރާ ދައްކާނެ ގޮތުގެ ޕްލޭނެއް ވެސް އޭރުގެ ސަރުކާރުން ހަދާފައި ނެތް ކަމަށެވެ. އެކަމަކު އެ ސްކޫކު އިއްޔެ އަނބުރާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެ އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި އިއްޔެ ދައްކާ ނިންމާފައި އޮންނާނީ. އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިން. އަޅުގަނޑު އަބަދުވެސް ދަންނަވަން އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއާ އެކީގައިއޭ. އަޅުގަނޑަކީ ހުސް ވާހަކަ ދައްކާނެ މީހެއް ނޫން. މިސަރުކާރަކުން ހުސް ވާހަކައެއް ނުދައްކާނެ. މި ސަރުކާރުން ވާހަކަ ދައްކާނީ ނަތީޖާއިން." ރައީސް ވިދާޅުވެ އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ދޭ ވޯޓަކީ ވެސް ރައްޔިތުން މާޔޫސްވާނެ ވޯޓަކަށް ނުވާނެ ކަމަށެވެ.
ރައީސް ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމުން މުހިއްމު ކަމަށާއި އެކަމަކީ މަޖިލީހުގެ ތެރޭގައި ހުރިހާ ޕާޓީއެއްގެ މެމްބަރުން ހިމެނޭނެ އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ ނައްތާލެވޭނެ ނިންމުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އިދިކޮޅު އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ކެމްޕެއިނު ނިންމުމުގެ ގޮތުން ވެސް މާލޭގައި ބޮޑު ހިނގާލުމެއް ހަވީރު ބޭއްވި އެވެ. އެ ހަރަކާތުގައި ކުރީގެ ރަައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެމްޑީޕީގެ އިސްވެރިންގެ އިތުރުން އެެ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.
ރައީސް ނަޝީދާއި އިބޫ އެކުގައި މިފަދަ ހަރަކާތަކުން ފެނިފައި މި ވަނީ ގިނަ ދުވަސްތަކަކަށް ފަހުގަ އެވެ. އެ ޕާޓީގެ ހަރަކާތް ފަށައިގެން ކުރިއަށް ގެންދިޔައީ ބޭރު މަގުންނެވެ.
މާދަމާ ވޯޓުލުމަށް މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ގާއިމްކޮށްފައިވެ އެވެ. އަދި މާލޭ ސަރަހައްދުގައި 193 މަރުކަޒެއް ހަދާނެ އެވެ.
ލޯކަލް ކައުންސިލު އިންތިހާބުގައި 1،592 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާނީ 678 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މީހުންނެވެ. އެހެންވެ މި ދެ އިންތިހާބުގައި ޖުމްލަ 1،356 މީހަކު އިންތިހާބުކުރާނެ އެވެ.
ފެންނަ ނުފެންނަ ވޯޓުގައި ޖެހެނީ "އާނއެކޭ" ނުވަތަ "ނޫނެކޭ" ބުނަން ބޭނުންވިޔަސް ކަރުދާހުގައި "ރަނގަޅު" ފާހަގަ ޖަހާށެވެ.
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައިވާ ގޮތުން، ވޯޓުލުމުގެ ހައްގު 294،876 މީހަކަށް ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.