ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ބައިގަރުނަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަހުމަދު އާދަމް (ޕީޓްރަލް އަހުމަދުބެ) އަވަހާރަވުމުގެ ހިތާމާގައި އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އަހުމަދުބެ ވަނީ މީގެ 55 އަހަރު ކުރިން މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފައްދަވައިފަ އެވެ.
އަދި ކޭޓަރިން ދާއިރާގައި، ހާއްސަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ހިދުމަތް އޭނާ ވަނީ ފޯރުކޮށްދެއްވައިފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ އިތުރުން، މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް އަހުމަދުބެ ކޮށްދެއްވާފައިވާ ގިނަ ހިދުމަތްތައް ފާހަގަކުރައްވައިފަ އެވެ.
އަދި ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވި ބޭފުޅެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއީ، ހިތްޕުޅު ހެޔޮ، ހުލްގު ރަނގަޅު ބޭފުޅެއް. ހީވާގިކަމާއި އިޖުތިމާއި ހިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަހްސިއްޔަތެއް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދުއާއަކީ، މާތް ﷲ ގެ ތަނަވަސް ރަހުމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްޙޫމް އަހުމަދު އާދަމް ލެހެއްޓެވުން."