ސިއްހީ ދާއިރާ އިން މި ސަރުކާރުގެ ސިޔާސަތުތައް ބިނާވަނީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ބެލިއަސް، ސައިންސްގެ އަލީގައި ސިއްހީ ހިދުމަތާއި ފަރުވާ ބައްޓަން ކުރުމުގައި ދެވޭ އަހައްމިއްޔަތުކަން އެނގޭ ކަމަށެވެ.

އޭގެ ތެރެއިން ޕްރައިމަރީ ހެލްތު ކެއާ، ޕްރިވެންޓިވް ކެއާ، ދުންފަތުގެ ވަބާއިން ސަލާމަތްކުރުން، ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުން، އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އިން އަރައިގަތުން، ޓީބީ އާއި އެޗްއައިވީ ފެތުރުން ހުއްޓުވުން އަދި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދިނުން، ސިއްހީ ރެކޯޑުތައް އެއްކުރުމާއި ބެލެހެއްޓުން، ޓެލެ މެޑިސިން އާއި ޓެލެ ހެލްތު ފަދަ ހުރިހާ މަސައްކަތަކާއި އެކަންކަމާ ގުޅޭ ސިޔާސަތުތައް ބިނާވަނީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސައިންސަށް އިތުބާރުކުރުމާއި އިތުބާރު ދެމެހެއްޓުމުގެ ހެޔޮ ވިސްނުމުގެ ހަގީގީ ފައިދާ ލިބޭނެ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ދުވަހަށް މި އަހަރު ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާގައި ސައިންސްއާއެކު ކުރިއެރުމުގެ މައުޟޫއަށެވެ.

މިނިސްޓަރު ވިދާޅުވީ ސައިންސްގެ އެހީގައި ސިއްހަތަށްޓަކައި މަސައްކަތް ކުރުމަށް ބާރުއަޅާ އެ ޝިއާރުގެ ބޭނުމަކީ، ސިއްހީ ދުޅަހެޔޮކަމަށް ކުރާ ކޮންމެ ކަމަކީ ވެސް ޒަމާނީ ސައިންސާއި ސާބިތު ހިފޭ ތަހުލީލުތަކާއި ދިރާސާތަކުގެ ނަތީޖާތަކާއި ފަންނީ މައުލޫމާތާއި ތަޖުރިބާއަށް ބަރޯސާވެގެން ކުރާ ކަންކަން ހެދުން ކަމަށެވެ. 

ސައިންސްއަށް ރިއާޔަތްކޮށްގެން ނިންމުންތައް ނިންމާ ޑަބްލިއުއެޗްއޯ އަދި އދ. ގެ އެހެން ޖަމިއްޔާތަކުގެ އިރުޝާދު ރާއްޖެއިން އަބަދު ވެސް ބަލައިގަންނަ ކަމަށާއި އެ ޖަމިއްޔާތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުން ސިއްހީ ދާއިރާއަށް ލިބިފައިވާ ކުރިއެރުން ސާބިތުކޮށްދެނީ، ނާޒިމް ވިދާޅުވި ގޮތުގައި، ސިއްހީގޮތުން ދުޅަހެޔޮ މުޖްތަމައުއެއް ކަށަވަރުކުރަން މި ކުރާ މަސައްކަތުގައި މެޑިކަލް ސައިންސް ދައްކާ ހެޔޮމަގުން ހިނގުމުގެ މުހިއްމުކަން ކަމަށެވެ.

އޭގެ ސަބަބުން ދެމެހެއްޓެނިވިގޮތެއްގައި ދުޅަހެޔޮކަން ކަށަވަރު ކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަސްތުގައި އޮޅުވާލަން އަދި ބައެއް ފަހަރު ނޭނގި ތިބެ ވެސް ސައްހަ ނޫން ނުވަތަ ހަގީގަތާ ހިލާފު ވާހަކަތައް ސޯޝަލް މީޑިއާ އާއި ތަފާތު އެހެން ޕްލެޓްފޯމްތަކުގައި ފަސޭހަކަމާއެކު އަދި ފަރުވާލެއްނެތި ފަތުރާ ވާހަކަތަކުން، މިއަދުގެ ޝިއާރުން ލަފާދޭ ކަންކަން އިތުރަށް މުހިއްމުވެގެންދާ ކަމަށެވެ.

"ސިއްހީ ކަންކަމާގުޅޭގޮތުން ވަކިން ހާއްސަކޮށް ބަލިބައްޔާއި ބަލި ޖެހުމާއި ބަލި ފެތުރުމާއި އަދި ބަލިތަކުން ފަރުވާ ހޯދުމާގުޅޭގޮތުން ސާބިތުނުހިފޭ ޔޯލަ ވާހަކަދެއްކުމާއި ސާބިތު ނުހިފޭ ފަރުވާ އާއި ހައްލުތައް ބުނެދިނުމާއި އަދި ބައެއް ފަހަރަށް ވެކްސިނާއި ތަހުލީލުތަކާއި ބޭހާއި ޑަކްޓަރީ ފަރުވާއާ ގުޅޭގޮތުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރުމާއި ބޭހުގެ ބަދަލުގައި އެވެނި ކަމެއްކުރުމަށް ނުވަތަ މި ވެނި އެއްޗެއް ބޭނުންކުރުމަށް ވަކާލާތު ކުރާތަން ފާހަގަކުރެވޭ." ނާޒިމް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ބައެއް ފަހަރަށް މީހުންގެ ފުރާނައަށް ނުރައްކާވާ ކަންކަން ކުރުމަތިވެދާނޭ އަމަލުތަކެއް ކަމަށެވެ. 

"ސިއްހީ ފަރުވާ އާއި ހިދުމަތާއި ބަލިތައް ދެނެގަތުމާއި ރައްކާތެރިވުމުގައި ސައިންސަށް ބަރޯސާވުމުގެ މުހިއްމުކަން، ރާއްޖެއާއި މުޅި ދުނިޔެއަށް ވެސް ސާބިތުކޮށްދިން ކޮވިޑް-19 އަދި އެ ވަބާއިން ރާއްޖެ އަރައިގަތުމުގައި ސިއްހީ ދާއިރާއިން ގެންގުޅުނު ސިޔާސަތު އަޅުގަނޑުމެންގެ ތާޒާ ހަނދާނުގައި މިއަދު ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.