ސިއްހީ ހިދުމަތަށް މި އަހަރު އިތުރަށް 1،900 އެއްހާ މުވައްޒަފުން ނެރޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ނާޒިމް ވިދާޅުވީ ހެލްތު ސެކްޓާއަށް މިދިޔަ އަހަރު 1،700 އެއްހާ މުވައްޒަފުން ނެގި ކަމަށެވެ. އަދި މާލެ އާއި ރަށްރަށުގައި ހިދުމަތް ދިނުމަށް މި އަހަރު އިތުރު 200 ވަޒީފާ އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ މުވައްޒަފުން ނަގަނީ އަސާސީ ހިދުމަތްތަކާއި ލެބޯޓްރީ ފަދަ ހިދުމަތްތައް ތައާރަފްކުރާށެވެ.
ސިއްހީ ދާއިރާގައި އެތައް ހާސް މުވައްޒަފުންނެއް މަސައްކަތްކުރާއިރު، އޭގެ ތެރޭގައި އަދި ވެސް ބިދޭސީން ގިނަ އެވެ. ސަރުކާރުން ވަނީ ޑިސެމްބަރު 2028 ގެ ފަހުން ބިދޭސީންނަށް ނާސިންގެ ވަޒީފާ އަދާކުރަން ވޯކް ޕާމިޓު ނުދޭން ނިންމައިފަ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ހެލްތު ސެކްޓާއަށް މީހުން ތަމްރީނުވެގެން ނުކުތުމަކީ މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މުހިއްމު ކަމެއް ކަމަށެވެ.
"އަޅުގަނޑު ގޮވާލަން ދިވެހި ކިޔަވާ ކުދިންނަށް މިއީ ވަރަށް ފުޅާދާއިރާއެކޭ، މި ދާއިރާއިން ތައުލީމް ހާސިލްކުރައްވައިގެން ހިދުމަތަށް ނުކުންނެވުމަކީ ގައުމަށް ކޮށްދެވޭނެ ވަރަށް މުހިއްމު ހިދުމަތެއް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ އަށް އަހަރު ކުރިން އެމްއެންޔޫގައި ހުޅުވި މެޑިސިން ސްކޫލުގެ ބެޗުތަކުން ދިވެހިން ކިޔަވައި ނިމެމުން އަންނަ ކަމަށެވެ. އަދި އެ ޑޮކްޓަރުންނަށް އިންޓާންޝިޕް ހަދަން އެކި ހޮސްޕިޓަލުތަކުން ފުރުސަތު ފަހިކޮށްދެމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ސިއްހީ ދާއިރާ އަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ކަމަށާއި ނަމަވެސް އާއްމު ބަލިތަކުގެ ޑޮކްޓަރަކު ވެސް ހިދުމަތަށް ނުކުތުމަށް މަދުވެގެން ހައެއްކަން އަހަރު ނަގާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، އެ މީހުން ކިޔަވައިގެން ނުކުންނަން ފެށުމުން ފަހަރަކު ފިޔަވަޅެއް ކުރިއަށް އެރި، ސިއްހީ ދާއިރާއިން ބަދަލުތައް ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.