އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ބުނީ އެ ގަވައިދަށް މިދިޔަ ބުދަ ދުވަހު ގެނައި އިސްލާހުގެ ދަށުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވިޔަފާރިތަކަށް އެ ލުއި ލިބިގެންދާނެ ކަމަށެވެ.

އެ ބަދަލާއެކު ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުޔެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ކުރީގައި އޮންނަ ގޮތުން ބިދޭސީން އެތެރެކުރަން ފީގެ ގޮތުގައި، ކޯޓާއަކަށް އަހަރަކަށް 2،000 ރުފިޔާ ދައްކަންޖެހެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު 17 ގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި އެ ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށެވެ. 

އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް އެ ލުއިގެ ބޭނުން ހިފުމުގެ ފުރުސަތު ނުދިނުމަށްޓަކައި އެއް ހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕާޓްނަރުން ހިމެނިގެން ހިންގާ ވިޔަފާރިތަކަށް އެ ލުއި ތަކުރާރު ނުވާނެ ގޮތަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި އެ ބަދަލު ގެނައުމުން، ވަޒީފާ ދޭ ފަރާތުން ކަން ކުރަންޖެހޭ ގޮތްތައް އަންގައިދޭ ޔޫސާ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި ޝާއިއު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ތަނުން ބުނީ ނިޒާމީ ގޮތެއްގައި ހުރި މައްސަލަތަކަށް ދެ އަހަރުގެ ތެރޭގައި އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިގުތިސޯދުގައި އެ ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.