ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ، ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށް، ގަވައިދު މިއަދު އިސްލާހުކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު" އަށް ގެނައި ތިން އިސްލާހުގައި ބުނީ ބިދޭސީންނަށް ވަޒީފާގެ މުސާރަ ދޭންޖެހޭނީ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފުގެ އެކައުންޓަށެވެ.

އެ ބަދަލަށް އަމަލުކުރަން ފަށާނީ ގަވައިދު ޝާއިއުކުރާތާ އެއް މަސް ފަހުންނެވެ. 

ބިދޭސީންނަށް މުސާރަ ދެން ޖަމާކުރަން ޖެހޭނީ ބޭންކު އެކައުންޓަށް ކަމަށް ގާނޫނަށް މީގެ ކުރިން ވެސް އިސްލާހު ހުށަހެޅި އެވެ. 

ވަޒީފާއާބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެ މީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާނުކުރާ ނަމަ ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރެވެ އެވެ.

ނަމަވެސް، ޖޫރިމަނާ ފައިސާ ނެގުން ވަކި ހިސާބަކުން މަޑުޖައްސާލި އެވެ. އޭގެ އެއް ސަބަބަކީ، ސައްހަ ލިޔުން ނެތް ބިދޭސީން ގިނަވުމުން ބޭންކު އެކައުންޓު ނުހުޅުވުމެވެ. 

އެކަމަކު، ގަވައިދު އިސްލާހުކޮށް، ބޭންކް އެކައުންޓަށް ބިދޭސީންގެ މުސާރަ ޖަމާކުރަންޖެހޭ ގޮތަށް ހެދީ ގިނަ އަދަދެއްގެ ބިދޭސީން ގަވައިދަށް ފެއްތުމަށް ފަހުގަ އެވެ. 

ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރުން ގާނޫނުން އޭރު ލާޒިމްކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ރެމިޓެންސް ޓެކްސް އަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސް އެވެ. ކޮންމެ ބިދޭސީއަކު ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ނަގާނެ އެވެ.