ބިދޭސީންގެ ވަޒީފާތައް ކެޓަގަރީކޮށްފައިވާ ލިސްޓަށް ގެނައި ބަދަލާއެކު، ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެކްސްޕެޓު ސިސްޓަމްގެ އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން ލިސްޓަށް ގެނައި ބަދަލާއެކު ސިއްހީ ދާއިރާގެ ޕްރޮފެޝަނަލް ގިނަ ކެޓަގަރީތަކެއް ފަންނީ ނޫން ގިންތިއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މެޑިކަލް ބައެއް ސަބް-ސްޕެލިޓީ، ލެބޯޓްރީ ޓެކްނީޝަނުން އަދި މެޑިކަލް އިމޭޖިނިން ޓެކްނީޝަނުން ހިމެނެ އެވެ.
އެހެންވެ، ޕްރޮފެޝަނަލް ކެޓަގަރީގެ މީހުންނަށް ލިބެމުން ދިޔަ މުހިއްމު އިނާޔަތްތައް އުނިވެގެން ގޮސްފައިވާ ކަމަށް ހެލްތު ޔޫނިއަނުން ބުންޏެވެ.
ޑިޕެންޑެންސީ ވިސާ އަދި ގައުމަށް ފައިސާ ފޮނުވުމުގައި (ރެމިޓެންސް) ލިބޭ މަތީ ލިމިޓްތަކަކީ، އެ މީހެއްގެ ދާއިރާއަކުން ލިބެމުންދިޔަ ލުއިތަކެކެވެ.
ހެލްތު ޔޫނިއަނުން ބުނީ އެ މުވައްޒަފުންގެ ތެރެއިން ގިނަ މީހުންނަކީ އެ މީހުންގެ އާއިލާތަކާއެކު ރާއްޖޭގައި ދިރިއުޅުން ބިނާކޮށް، މި ތަނުގައި ތައުލީމް ހާސިލްކުރަމުންދާ ބައެއް ކަމަށެވެ.
އަލަށް ގެނައި ބަދަލާއެކު ޑިޕެންޑެންޓް ވިސާ އާ ނުކުރެވޭތީ އެ އާއިލާތައް ވަކިވެ، އަނބިދަރިން ފޮނުވާލަން މަޖުބޫރުވުމުން ދިރިއުޅުމަށާއި ދުޅަހެޔޮކަމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ.
"މިކަމުގެ ސަބަބުން މިހާރު ވެސް ބިދޭސީންނަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ސިއްހީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ. އަދި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށާއި މެދުކެނޑުމެއްނެތި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުރަސްއެޅިގެންދާނެ،" ހެލްތު ޔޫނިއަނުން ބުންޏެވެ.
ގޮންޖެހުންތަކާ ހެދި އެ ޖަމިއްޔާއިން ވަނީ އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން ލިސްޓު މުރާޖައާކޮށް، ސިއްހީ ދާއިރާގެ ފަންނުވެރިންގެ ތައުލީމީ ފެންވަރާއި ހުނަރާއި މަސްއޫލިއްޔަތުތައް އަދި ސިއްހީ ހިދުމަތް ދިނުމުގައި އެ މީހުން އަދާކުރާ މުހިއްމު ދައުރަށް ބަލައި އެ މީހުންގެ އަގުވަޒަންކުރަން ހޯމްލޭންޑު ސެކިއުރިޓީއަށް ގޮވާލައިފަ އެވެ.
އޭގެ އިތުރުން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށާއި އެގޮތަށް ގިންތިކުރުމުގެ ސަބަބުން ސިއްހީ ދާއިރާގެ ފަންނުވެރިންނަށް ބޭއިންސާފުން އެއްވެސް އަސަރެއް ނުކުރާނެކަން ކަށަވަރުކުރުމަށްޓަކައި ވީހާ ވެސް އަވަހަކަށް ފިޔަވަޅު އަޅަން ހެލްތު މިނިސްޓްރީއަށް ވެސް ގޮވާލާފައިވެ އެވެ.