ހާއްސަ ވިސާތަކުގައި ރާއްޖެ އެތެރެވުމަށް ފަހު ވޯކް ވިސާއަށް ބަދަލުނުކުރެވޭ ގޮތް ހަދައިފި އެވެ.
މި ބަދަލާ ބެހޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ބިޒްނަސް ވިސާ ދޫކުރަނީ ވިޔަފާރީގެ ކަންކަމަށް ބޭރުގެ ޕްރޮފެޝަނަލުން ކުރު މުއްދަތަކަށް ގެންނަން ކަމަށެވެ.
ނަމަވެސް، ބައެއް ވިޔަފާރިތަކުން ވޯކް ޕާމިޓް ހޯދުން އަވަސްކުރަން ނަހަމަ ގޮތުގައި ބިޒްނަސް ވިސާ ބޭނުންކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވުމަށްފަހު ވޯކް ވިސާއަށް ބަދަލުކޮށްގެންނެވެ.
އެހެންވެ މިހާރު ވަނީ ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީންނަށް ވޯކް ވިސާއަށް ބަދަލުނުވެވޭ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
"މި ވިސާތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވޯކް ޕާމިޓަށް އެދި ހުށަނޭޅޭނެ ވާހަކަ، ވަޒީފާދޭ އެންމެހާ ފަރާތްތަކުގެ މައުލޫމާތަކަށްޓަކައި ދެންނެވީމެވެ،" އިއުލާނުގައިވެ އެވެ.
އެކަމުގެ އިތުރު މައުލޫމާތު ސާފުކުރަން 1485 އަށް ގުޅައި ނުވަތަ [email protected] އަށް އީމެއިލްކުރަން ވަނީ އެދިފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ބިދޭސީންގެ ބަޔޮމެޓްރިކްސް ނަގައި އެކަމަށް ދިން މުއްދަތަށް ފަހު މިހާރު ދަނީ ގަވައިދުގެ ތެރެއަށް ނުވަދެ ތިބި ބިދޭސީން ޑީޕޯޓްކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 12،000 އަށް ވުރެ ގިނަ މީހުން މި ސަކާރުގައި ވަނީ އަނބުރާ ފޮނުވާލާފައި ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.