ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެ ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން ކުރި އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އައްމަޓީގެ މައްޗަށް އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ އެ ދައުވާތަކަކީ މަދަނީ ކަމަކާ ގުޅޭ ކަމެއް ކަމަށްވާތީ އެކަމަށް ފިޔަވަޅު އަޅަން ޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް ބުނެ ކަމަށެވެ.

ނަމަވެސް އެގޮތަށް ނިންމާފައިވަނީ ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ. 

އެ މައްސަލާގައި އައްމަޓީ ރާއްޖެއިން ބޭރުގައި އުޅެނިކޮށް ސްރީ ލަންކާއިން އޭނާ ހައްޔަރު ކުރުމަށް ފަހު ރާއްޖެ ގެނައީ 2021 ވަނަ އަހަރު އެވެ. އަދި އެ މައްސަލާގައި ދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ފަހުން ހުރީ ދޫކޮށްލައިފަ އެވެ.