ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ ޓީޗަރަކަށް އެ ސްކޫލުގެ ދަރިވަރަކު ހަމަލާ ދިނުމުން އަނިޔާވެ ޓީޗަރަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ އެ ސްކޫލުގައި ކިޔަވައިދޭ އިންޑިއާގެ އަންހެން ޓީޗަރަކަށް ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 11:46 ހާއިރު ކަމަށެވެ. 

އެ ހާދިސާގައި އަނިޔާވި ޓީޗަރަށް ރަށުގެ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް، ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެެ. 

އެ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަމުން އަންނަކަމަށް ބުނި ނަމަވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ. 

އެކަމަކު އެނގިފައިވާ ގޮތުގައި ޓީޗަރަށް ދަރިވަރަކު ހަމަލާދިނީ ކޮމްޕިއުޓަރު ކްލާހެއްގައި އިނދެ އެކުއްޖާ ގޭމު ކުޅެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އެންގުމުންނެވެ.