ސްކޫލު ދަރިވަރަކަށް އެ ސްކޫލުގެ އެހެން ދަރިވަރުންތަކެއް ސޯޝަލް މީޑިއާގައި ބުލީކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. 

ފުލުހުން މިއަދު ބުނީ ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

އެ މައްސަލައިގެ އިތުރު މައުލޫމާތެއް ފުލުުހުން ނުދެ އެވެ. 

އެކަމަކު ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ނިސްބަތްކޮށާއި އެ ކުއްޖާގެ ފޮޓޯ ބޭނުންކޮށްގެން ވަރަށް ބޮޑަށް އެ އެކައުންޓުގައި ބުލީކުރަމުންދާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެކައުންޓުގައި ވަނީ ކުއްޖާގެ ސިފައަށް މަލާމާތްކުރުމަށް އެތައް ޕޯސްޓެއް ކޮށްފަ އެވެ. އަދި ހަޑިހުތުރު ބަހުން ކޮށްފައިވާ ބައެއް ޕޯސްޓުތަކުގައި ކުއްޖާއަށް މަރުގެ އިންޒާރު ވެސް ދީފަ އެވެ. 

އެ މައްސަލަ މި ފަހުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ސްކޫލުގެ ޕްރިންސިޕަލަށް ވެސް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ޕްރިންސިޕަލް ސޯޝަލް މީޑިއާގައި ވިދާޅުވީ ކުއްޖާއަށް ބުލީކުރަމުންދަނީ މިހާރު ސްކޫލުގައި ނޫޅޭ ދަރިވަރެއް ކަމަށެވެ. 

އޭނާ ސްކޫލުގެ ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގަތީ މީގެ ހަތަރު މަސް ކުރިން ކަމަށާއި އެއީ ދޮޅު އަހަރު ވެފައިވާ މައްސަލައެއް ކަމަށް ވިޔަސް އަލުން ބަލަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ތަހުގީގީ އިދާރާތަކުން ވެސް ބަލަމުން އަންނަ މައްސަލައެއް ކަމަށް ވިދާޅުވި އެވެ. 

އެ އެކައުންޓު އާންމުންގެ ސަމާލުކަމަށް އައިސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިހާރު އެކައުންޓު ވަނީ ޓިކްޓޮކުން ޑިއެކްޓިވޭޓް ކޮށްފަ އެވެ.