އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލާގައި ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު (ބޫގާ) ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ހ. ފިލިކުރިގޭ، އުމުރުން 51 އަހަރުގެ އާމިރު ހޯދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އޭނާ ހޯދަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވޭތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އަންނަ މާޗް 10 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް އާމިރު ހާޒިރުވާން އަންގައި އިއުލާނުކޮށްފަ އެވެ.
ޓިކްޓޮކްގައި ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަނީ ރާއްޖެއިން ބޭރު މީހަކާ އިނދެގެން އެ ގައުމުގަ އެވެ. ނަމަވެސް ދޭތެރެއިން ރާއްޖެ އާދެ އެވެ.
ޓިކްޓޮކްގައި އާމިރު ދަނީ އިސްލާމްދީނަށް ހަޖޫޖަހައި، ދީނާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ މުސްލިމް ފިރިހެނުން ހިތާނު ކުރަން ނުޖެހޭ ކަމަށް ބުނެ ވެސް ވާހަކަ ދައްކައިފަ އެވެ.