އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރާނަން: ފުލުހުން

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލަ ބަލައި ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި ލިޔެފައިވާ މައްސަލާގައި ސަރުކާރުން ހިމޭނުން އޮތް ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ދީނަށް ފާޑު ކިޔުމާއި އިސްލާމީ އަގީދާ އާއި ދީނުގެ އަސާސްތަކަށް ފާޑު ކިޔުމާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުން ފަދަ އިސްލާމް ދީނާ އިދިކޮޅު އަމަލުތައް ފުލުހުން ވަރަށް ސީރިއަސް ކަމާ އެކު ބަލާނެ ކަމަށެވެ.

މިއީ ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުން އަންނަ މައްސަލަތަކެއް ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ. އަދި މިފަދަ އެހެން މައްސަލަތަކެކޭ އެއްގޮތަށް މި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޡްފުޅުތަކަށް ފާޑުކީ މައްސަލައެއް އާންމު ފަރާތަކުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެކަމުގެ ތަހުގީގު ފަށައި މައުލޫމާތު ސާފު ކުރަމުން ދަނިކޮށް، ހަމަ އެ ދުވަހު އިސްލާމިކް މިނިސްޓްރީން ވެސް މައްސަލަ ހުށަހެޅި ކަމަށް ބަޔާނުގައިވެ އެވެ.

އެމްޑީއެންއާ ގުޅޭ ޝަކުވާތައް ފުލުހުންނަށް ހުށަހެޅިފައިވާ ކަން ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފައި ވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ފުލުހުން ނެރުނު ބަޔާން

ފުލުހުންގެ ބަޔާނުގައި ވަނީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސްލަސްކަމަށް ބުރޫއަރާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ހާއްސަކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް އެއްވެސް މީހަކު ނުފެތުރުމަށާއި ރައްޔިތުންގެ ދީނީ އަދި ގައުމީ ވަހްދަތާއި އެއްބައިވަންތަކަން ގެއްލޭ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ. މިފަދަ އަމަލުތައް ހިންގާ ނަމަ، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. ނަމަވެސް ފަހުންވެސް އަންނަނީ އެކަމުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެމްޑީއެން އަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެތައް ބަޔަކު ވަނީ ގޮވާލައިފަ އެވެ.