ދީނަށް ފުރައްސާރަ ކުރުމާ ގިނަ ބަޔަކު ފާޅުގައި ދެކޮޅު!

އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި އެމްޑީޕީގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ޕާޓީތަކުން ބުނެފި އެވެ. މީގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.


މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ހޫނުވެފައިވަނިކޮށް މައުމޫން މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮންމެ ބަޔަކު ކުުރި ނަމަވެސް އެފަދަ ކަންތައްތައްތަކަކީ ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލަައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.

އެކަމާ ގުޅިގެން އެމްޑީއެން އަށް ކިޔަމުންދިޔަ ފާޑުކިޔުންތަކާއި އެ ޖަމިއްޔާ އުވާލަން ގޮވާލައި ކެމްޕެއިނެއް ފެށުމާއެކު އެ ރިޕޯޓު ނަގައި އެކަމަށް އެ ޖަމާއަތުން ވަނީ މައާފަށް ވެސް އެދިފަ އެވެ. އަދި އެކަހަލަ ކަމެއް އެ ޖަމިއްޔާ އިން ދެން ތަކުރާރު ނުކުރާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

ޔޫތު މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބައެއް މީހުންނަށް އިސްލާމް ދީނަށް ޖޯކު ޖަހައި ފުރައްސާރަކުރުމަކީ މާ މޮޅު އަދި ކޫލް ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ސަޅިކަމެއް ނޫން ކަމަށާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އެއްވެސް ދިވެއްސަކަށް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.

އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވިދާޅުވީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ބަދުބަސް ބުނެ ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފާޑުފާޑުގެ ނެޓްވޯކުތައް ހަދައިގެން ޑިމޮކްރަސީ ކުރިއެރުވުމުގެ ނަމުގައި އުޅެނީ ހުކުމްތަކަށް ގޮންޖަހައި އިސްލާމް ދީނާ ޖައްސާލައިގެން ކަމަށެވެ.

ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި އުއްމަތުގެ މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރެފައި މައާފަށް އެދި ބަޔާން ނެރުމަކުން ނުފުދޭނެ ކަމަށެވެ. އެ ޖަރީމާ ހިންގި މީހުން ޖެހޭނީ ތައުބާވާން ކަމަށާއި އިސްލާމް ދީނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރަސީ ނެޓްވޯކުން 2016 ގައި ތައްޔާރު ކުރި އެ ރިޕޯޓް، އާންމުންގެ ސަމާލު ކަމަށް އައީ އިއްޔެ އެވެ. އެ މައްސަލަ އިއްޔެ ހޫނުވެ، މައްސަލަ ތަހުގީގުކޮށްދޭން އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ. އަދި އިއްޔެ އާއި މިއަދު އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އާންމުންގެ ވަރަށް ގިނަ ބަޔަކު ވަނީ ރުޅިގަދަވެ، އެކަން ކުރި ބަޔަކު ހައްޔަރުކުރުމަށް ވެސް ގޮވާލައިފަ އެވެ. އާންމުންގެ ބައެއް މީހުން ބުނެފައި ވަނީ ޚިޔާލު ފާޅުކުރުމުގެ ނަމުގައި އެކަހަލަ ވާހަކަތަކެއް އިސްލާމީ މުޖުތަމައުގެ ތެރޭގައި ދެއްކިގެން ނުވާނެ ކަމަށާއި ހައްގުތަކަށް އިހުތިރާމު ކުރަން ގޮވާލާ ބަޔަކު އެހެން މީހުންގެ ހައްގުތަކާއި އުސޫލުތަކަށް ވެސް އިހުތިރާމް ކުރަން ވާނެ ކަމަށެވެ.