އެމްޑީއެން ރިޕޯޓްގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުން ޔޫތު މިނިސްޓްރީ އަށް އަންގައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ތައުހީނުކޮށް ފާޑު ކިޔާފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ ޔޫތު މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ފުލުހުން މިގޮތަށް އަންގާފައި ވަނީ އެމްޑީއެންގެ ރިޕޯޓް އިލްމުވެރިންގެ ޓީމެއް ލައްވައި ދިރާސާކުރުމަށް ފަހު އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު މިއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ބުނެ އަންނަނީ ނުރުހުންފާޅުކުރަމުންނެވެ.

ޖަމިއްޔާތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ކޯޓުގެ އަމުރަކުން ޖަމިއްޔާތައް އުވާލެވެ އެވެ. އަދި ކޯޓުގެ އަމުރަކާ ނުލައި ވެސް ޖަމިއްޔާ އުވާލުމުގެ އިޚްތިޔާރު ރަޖިސްޓްރާ އަށް ލިބިގެންވެ އެވެ.

އެ ގާނޫނުގައި ބުނާގޮތުން ޖަމިއްޔާއެއް ހިންގަނީ ޣައިރު ގާނޫނީ މަގްސަދަކަށްޓަކައި ކަން ޝަރީއަތަށް ސާބިތުވުމުން ނުވަތަ އެ ނޫން ވެސް ސަބަބަކަށްޓަކައި ޖަމިއްޔާއެއް އުވާލަން ކަމާ ބެހޭ ކޯޓަކުން އަމުރުކޮށްފި ނަމަ ދަރަންޏާއި މުދަލުގެ ކަންކަން ހަމަޖައްސަން މުއްދަތެއް ދިނުމަށް ފަހު ރަޖިސްޓްރާ، އެ ޖަމިއްޔާއެއް އުވާލަން ޖެހެ އެވެ.

ރިޕޯޓްގެ މައްސަލާގައި އެމްޑީއެން އުވާލަން އެދި ސިވިލް ކޯޓަށް އަމިއްލަ ފަރާތަކުން ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އަދި ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް ފުލުހަށް ހާޒިރުވާން ވެސް ވަނީ އަންގައިފަ އެވެ.

އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.

ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހާފައިވާ އިރު ރިޕޯޓް ލިއުނު މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ މައްސަލައިގައި ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.