އެމްޑީއެން އުވާލަން ނިންމުމުން ރައީސަށް އިލްމުވެރިންގެ ތައުރީފް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމުމާ އެކު، ރައީސް އިބްރާހިމް މުހައްމާދު ސޯލިހަށް ރާއްޖޭގެ ބައެއް މަޝްހޫރު އިލްމުވެރިން ތައުރީފް ކުރައްވައިފި އެވެ.


އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލަ ފެންމަތިވުމާ އެކު، އެތައް ބައެއްގެ ފިއްތުންތައް ކުރިމަތިވެ، އެމްޑީއެން ސަސްޕެންޑުކުރި އެވެ. ނަމަވެސް އެއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ބުނެ އިލްމުވެރިންނާއި ގިނަ ކައުންސިލްތަކަކުން ބަޔާން ނެރެ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މުޒާހަރާ ވެސް ކުރި އެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން މިއަދު ބުނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރިކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ވެސް ކަށަވަރުވާ ކަމަށެވެ. އެހެންވެ އެ ޖަމިއްޔާ އުވައިލަން ނިންމީ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅޭގޮތުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމްދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް، ގާނޫނުގެ ވެރިކަން ނަގަހައްޓަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުއްވާނެ ކަމަށެވެ. ހިކުމަތްތެރިކަމާ އެކު، ޑިއު ޕްރޮސެސްގެ ތެރެއިން ނޫން ގޮތަކަށް އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީއެން އުވައިލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި އެންމެ ވަރުގަދައަށް ކެމްޕެއިން ކުރެއްވި އެއް ބޭފުޅަކީ ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު އަބްދުލް ލަތީފެވެ. ސަރުކާރުގެ ނިންމުމާ ގުޅިގެން، އޭނާ ވިދާޅުވީ އިސްލާމްދީނާއި ގައުމަށް ހިމާޔަތްކޮށް މަސައްކަތް ކުރައްވާ ނަމަ އިލްމުވެރިން ތިއްބަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ.

"އިންޝާﷲ ނުރަނގަޅު ކޮށް ކަމެއް ދާ ނަމަ އެކަން ފާހަގަކުރުމަށް ފަސް ނުޖެހޭނަން،" އިޔާޒުގެ ޓްވީޓުގައި ވެ އެވެ.

ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ރައްޔިތުން ކުރި އިލްތިމާސް އަޑުއައްސަވައި އެ ޖަމިއްޔާ އުވާލަން ނިންމުމުން ހަމްދު ކުރައްވައިފަ އެވެ. އަދި އިސްލާމީ ވަހުދަތު ހިފަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހިކުމަތްތެރި އުސޫލަށް މަރުުހަބާ ދަންނަވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އެމްޑީއެން އުވާލުމަށް ގޮވާލައި ގިނަ މަސައްކަތްތަކެއް ވެސް ކުރެއްވި ދީނީ އިލްމުވެރިޔާ ޒައިދު އަލީ އޭނާގެ ޓްވީޓް ފެއްޓެވީ ވެސް ހަމްދު ސަނާއިންނެވެ. އެ އަށް ފަހު ޒައިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ލަސްވި ނަމަވެސް މިހާރު ތިޔަ އެޅުއްވީ އެމްޑީއެނަށް ހައްގު ފިޔަވަޅު. ރިޕޯޓު ލިޔުނު މީހުންނަށް ދައުވާ ކުރުން ކުރިއަށް ދާނެ ކަން ޔަގީން ކުރަން. އިސްލާމްދީނަށް ނަސްރު ދިނުމަކީ ރައްޔިތުން އުފާވާނެ ކަމެއް،" ޓްވީޓުގައި ވެ އެވެ.