އިސްލާމްދީން ހިމާޔަތް ކުރުމުގައި ހައްގުގެ މަގުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނަވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން މިރޭ ވިދާޅުވެއްޖެ އެވެ.
"ލޮބުވެތި ނަބިއްޔާ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި އިލްޔާސް މިރޭ ދެއްވި ދަރުސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސާއި ނައިބު ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވައިގެން ތިއްބެވި ހުވާގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އިސްލާމްދީނުގެ ވަހުދަތު ހިމާޔަތް ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ހައްގު ގޮތް ރައީސަށް ބަޔާންކޮށް ދެއްވުމުން އެއަށް އަމަލު ކުރެއްވުމާއި ނުކުރެއްވުން އެއީ ރައީސްގެ އަމިއްލަފުޅު ކަމެއް ކަމަށާއި ރައީސާ މެދު އޭނާއަށް އުއްމީދު އެބައޮތް ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"ހައްގުތައް ހޯދުމަށްޓަކައި ވަލިއްޔުލް އަމްރަށް އަޅުގަނޑުމެން ދަންނަވައިފި ނަމަ އެ ދެންނެވުމުން އަޅުގަނޑުމެންގެ ވާޖިބު އަދާވީ. ކުރުމާއި ނުކުރުން އެއީ ވަލިއްޔުލް އަމްރުގެ ކަމެއް. ވަލިއްޔުލް އަމްރު އެކަން ކުރައްވާނެ ކަމަށް އަޅުގަނޑުގެ ހިތް އެބަ ބުނޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ އިސްލާމް ދީނުގެ ޝުއޫރު ފާޅު ކުރުމުގައި އަބަދުވެސް ދެމި ތިބެންޖެހޭނެ ކަމަށެވެ. އަދި އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަ ކުރުމުން އެކަމަށް ދިވެހިންގެ ނަފްރަތާއި ރުޅިވެރިކަން ހާމަކުރަން ޖެހޭނެ ކަމަށާއި އެކަމަކު އެއްވެސް ގޮތަކަށް ނުބައި ކަމަކަށް ގޮވާލައިގެން ނުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"މުދަލަށާއި މީހުންގެ ފުރާނައަށާއި މީހުންނަށް މަރުގެ އިންޒާރު ދިނުމާއި މިއިން ކަމެއް އަޅުގަނޑު ގަބޫލެއް ނުކުރަން މުސްލިމަކު ކުރާނެ ކަމަކަށް. މުސްލިމުންނަކީ ވަރަށް އަޚްލާގް މަތިވެރި ބައެއް،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި އޮތްގޮތް ބުނެދީގެން ޓެރަރިސްޓަކަށް އޭނާ ހަދައި، އޭނާ މަރާލިޔަސް މައްސަލައެއް ނެތެވެ. އަދި ހަމަޖެހުން ގެއްލޭ ގޮތަށް ކުރާ ކަންކަމާ މެދު ފުލުހުންނާއި ސިފައިން ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"މުސްލިމުންގެ ބޮލުގައި އިލްޒާމް އަޅުވަންވެގެން މިތާނގައި ހަނގުރާމަ ހިނގާނޭ ކިޔާފައި، އެފަދަ މީހުންނަށް އަޅުގަނޑުމެން އެބަޖެހޭ ސަޒާ ދޭން. އެފަދަ މީހުންނާ ދޭތެރޭގައި އެބަޖެހޭ ފިޔަވަޅު އަޅަން. އެހެންކަމުން އަޅުގަނޑު އެންމެ ލޯބިވާ އަދި އެންމެ ގަދަރުކުރާ ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް އަޅުގަނޑު ދަންނަވާނީ މި ދިވެހިރާއްޖޭގެ އިސްލާމީ އަގީދާ އާއި ސިޔާދަތަށް ލޮޅުން އަރުވާ ކޮންމެ ބަޔަކާ މެދު ފިޔަވަޅު އަޅުއްވާށޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ އިސްލާމްދީނުގައި ނުލިބޭ އެއްވެސް ހައްގެއް އިންސާނަކަށް ނުލިބި ނޯންނާނެ ކަމަށާއި ހައްގުތަކަށް ވަކާލާތުކުރާ މީހުންނަށް އެކަމަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެ ކަމަށެވެ. އަދި އިސްލާމްދީނަކީ ހަރުކަށި ދީނެއް ކަމަށް ބުނާ ބުނުންތަކަށް ރައްދު ދެއްވައި، އިލްޔާސް ވިދާޅުވީ ދީނުގައި ހައްދުތައް ކަނޑައެޅުއްވީ މީހުންނަށް އަދަބު ދިނުމަށް ނޫން ކަމަށާއި އޭގެ ބޭނުމަކީ މީހުން ކަންކަމުން ދުރު ކުރުވަން ކަމަށް ވިދާޅުވެ، އޭގެ މިސާލު ދެއްކެވި އެވެ.
"އިސްލާމްދީން ސަޒާ ދެއްވުމަށް ނޫން ބާރު އެޅުއްވީ. ސަޒާއިން މީހުން ސަލާމަތް ކުރަން ބާރު އެޅުއްވީ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސްގެ އެ ދަރުސް ދެއްވީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ މައްސަލާގައި ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ. އެ މައްސަލަ ފުލުހުން ބަލަން ފަށައި، އެ ޖަމްއިއްޔާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.