ޝަހިންދާ އާއި އަޒްރާ ތަހުގީގަށް ހާޒިރުވާން ދެ ހަފުތާ!

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ ވާހަކަތަކެއް ހުރި މައްސަލައިގައި ޝަހިންދާ އިސްމާއިލް އާއި އަޒްރާ ނަސީމް ފުލުސް އޮފީހަށް ހާޒިރުވާން ދެ ހަފުތާގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުސް އޮފީހުން ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު، އެމްޑީއެންގެ މައްސަލައިގައި ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ އެ ދެ މީހުން ވެސް މިވަގުތު ރާއްޖެ އިން ބޭރުގައި ތިބި ނަމަވެސް ޗިޓު ހަވާލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފޮނުވި ޗިޓު އެ ފަރާތްތަކަށް ލިބިފައިވާ ކަން ކަށަވަރު ކުރެވޭ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އިލްމުވެރިންތަކެއް މެދުވެރިކޮށް ހިންގާ އިލްމީ ދިރާސާ މި ހަފުތާގެ ތެރޭގައި ނިންމައިލެވޭނެ އެވެ. އެ ދިރާސާ ނިމުމުން އިލްމީ ގޮތެއްގައި، ރިޕޯޓުގައި ހުރި ވާހަކަތައް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އިލްމުވެރިންގެ ދިރާސާ ނިމުމުން ވަރަށް ގިނަ ކަންކަމަށް ޖަވާބު ވެސް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މަސައްކަތް އެ ޖަމިއްޔާ އިން 2014 ގައި ކޮށްފައިވެ އެވެ. އެ ރިޕޯޓް އާއްމުކުރި ތާރީޚުތައް ތަހުގީގުގައި ފުލުހުން ސާފުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސައްނިފުންގެ ގޮތުގައި ހަތަރު މީހަކު ހިމެނޭ ރިޕޯޓު ނެރުނު މައްސަލައިގައި އެމްޑީއެން އަށް ފިޔަވަޅު އެޅުން ލަސްވެގެން ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، ތުހުމަތު ކުރެވޭ މީހުން ބޭރުގައި ތިބުމުން ތަހުގީގަށް ދަތިތަކެއް ކުރިމަތިވެ އެވެ.

އެހެންވިޔަސް ފުލުހުން އަންނަނީ އެ ތަހުގީގުގައި ބަލަން ޖެހޭ ހުރިހާ ކަމެއް ބަލަމުން ކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެމްޑީއެންގެ މައްސަލަ ފެންމަތިވުމުން ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑްކޮށްފަ އެވެ. މިއީ، އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށް އަމިއްލަ ފަރާތަކުން މިއަދު ވަނީ އެ ޖަމިއްޔާ އުވާލަން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.

ފާޅުކަންބޮޑު ގޮތެއްގައި ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހާފައިވާ އިރު ރިޕޯޓް ލިއުނު މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ މައްސަލައިގައި ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޑީއެން އުވާލަން ގޮވާލަނިކޮށް، ސަސްޕެންޑް ކުރުމަކީ ފިޔަވަޅެއް ކަމުގައި މި މައްސަލައިގައި އިސްކޮށް އުޅުއްވާ އިލްމުވެރިން ބަލައެއް ނުގަނެ އެވެ.