ފުރަތަމަ ފަހަރަށް މަޖީދިއްޔާ ސްކޫލަށް އަންހެން ކެޕްޓަނަކު ހޮވައިފި އެވެ.

އޭޕްރީލް 19، 1927 ގައި މަޖީދިއްޔާ އުފެއްދީއްސުރެ ކިޔަވައިދެމުން އައީ ފިރިހެންކުދިންނަށް ހާއްސަ ސްކޫލެއްގެ ގޮތުގައި ކަމަށް ވިޔަސް 2011 ގައި އެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ. 

އެ އަހަރުން ފެށިގެން ގްރޭޑް އެކެއް އަލުން އެ ސްކޫލަށް ތައާރަފުކޮށް ހަމައެކަނި ފިރިހެން ކުދިންގެ ސްކޫލެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ދެ ޖިންސުގެ ކުދިން ވެސް އެކުގައި ކިޔަވާ ސްކޫލަކަށް މަޖީދިއްޔާ ސްކޫލު ބަދަލުކުރި އެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު މުޖާހިދު "މިހާރު" އަށް މިއަދު ވިދާޅުވީ 2011 ވަނަ އަހަރު އަންހެން ކުދިންނާއި ފިރިހެން ކުދިން އެއްކޮށް ކިޔަވައިދޭން ފެށި ފަހުން މި އަހަރު އަލަށް އަންހެން ދަރިވަރަކު ސްކޫލު ކެޕްޓަން ކަމަށް ހޮވިފައިވާ ކަމަށެވެ.

މަޖީދިއްޔާ ސްކޫލުގެ އިސް މަގާމުތަކުގެ ދަރިވަރުން ހުވާ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި--
މަޖީދިއްޔާ ސްކޫލުގެ އިސް މަގާމުތަކުގެ ދަރިވަރުން ހުވާ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި--

މީގެ 99 އަހަރު ކުރިން ކިޔަވައިދޭން ފެށި އެ ސްކޫލުގެ މި އަހަރުގެ ކެޕްޓަނަކަށް ހޮވުނީ އައިޝަތު އީޝަލް އިބްރާހިމް އެވެ. އެއީ މަޖީދިއްޔަގެ ފުރަތަމަ އަންހެން ކެޕްޓަނެވެ. އިއްޔެ އެ ސްކޫލުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު އެ ދަރިވަރު ވަނީ ސްކޫލުގެ ކެޕްޓަންކަމާ ހަވާލުވެފައި އެވެ.

ޕްރިންސިޕަލް ވިދާޅުވީ އީޝަލް ހޮވުނީ ގްރޭޑް 10ގެ އެކަޑަމިކް އެކްޓިވިޓީގެ އިތުރުން ވޯޓުން ހޮވިގެން ކަމަށެވެ.

މުޖާހިދު ވިދާޅުވީ ދެޖިންސުގެ ކުދިންނަށް މަޖީދިއްޔާގައި ކިޔަވައިދޭން ފެށި ފަހުން ކޮންމެ އަހަރަކު ވެސް އަންހެން ކުދިން ވެސް ސްކޫލު ކެޕްޓަންގެ މަގާމަށް ކުރިމަތިލާ ކަމަށެވެ. ނަމަވެސް އެ މަގާމަށް އަންހެން ދަރިވަރަކު ހޮވުނު މިއީ ފުރަތަމަ ފަހަރު ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލުގައި އަލަށް އަންހެން ދަރިވަރަކު ސްކޫލުގެ ކެޕްޓަން ކަމާ ހަވާލުވެފައި ވާއިރު އަންހެންކުދިންގެ ސްކޫލެއްގެ ގޮތުގައި ކުރިން ކިޔަވައިދިން އަމީނިއްޔާ ސްކޫލުގައި 2010 ވަނަ އަހަރު ވަނީ ފިރިހެން ކުދިންނަށް ވެސް ކިޔަވައިދޭން ފަށައިފަ އެވެ.

އެ ސްކޫލުގައި ފުރަތަމަ ފަހަރަށް ފިރިހެން ކެޕްޓަނެއް ހޮވުނީ 2020 ވަނަ އަހަރު އެވެ.