ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ އިންތިހާބަށް ކުރިމަތިލާން މިއަދުގެ ހެނދުނު 10 އިން ފެށިގެން މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރު 3 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

ފޯމު ބަލައިގަންނާނީ [email protected] އީ-މެއިލް މެދުވެރިކޮށް ނޫނީ ސީދާ އީސީންނެވެ.

ބައި އިލެކްޝަނަށް ކުރިމަތިލާ މީހުންގެ ފޯމު އީސީއަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރުފަހު 3 އަށް އަދި ހުކުރު ދުވަހުގެ މެންދުރު 2 އިން ހަވީރު 4 ޖަހަންދެން ކަމަށް އެ އިދާރާއިން ބުންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް އެދި ހުށަހެޅޭނެ ބައެއް ޝަރުތުތައް:

  1. ދިވެހި ރައްޔިތަކަށްވުން
  2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން
  3. މުސްލިމަކަށް ވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށްވުން
  4. އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން

އީސީން ފާހަގަކޮށްފައިވާ ގޮތުގައި ވަކި ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން 6 ވަނަ ދުވަހު ބާއްވަން ނިންމީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރުމުންނެވެ.

ޕީއެންސީ އަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް މިހާތަނަށް ތިން ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ.

އެއީ އައްޑޫގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސް އަބްދުﷲ ސޯދިގު (ސޯބެ) އާއި 2013 އަދި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) ގެ އިތުރުން މުހައްމަދު އަލީ ކިޔާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައި ނުވާކަން ސާބިތުވާ ކަމަށެވެ. އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ބުންޏަސް، ހުކުމް ކުރިކަން ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ޝުޖޫން ވިދާޅުވި އެވެ.