ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް، އެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން މިރޭ އިއުލާން ކުރައްވައިފި އެވެ.

ސިނާން، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބައި-އިލެކްޝަންގައި ކާމިޔާބީއާ ހަމައަށް ދިއުމަށް ޕީއެންސީގެ މެމްބަރުންންގެ ފުރިހަމަ ތާއީދާއި އިހުލާސްތެރި އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.

އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރީ ސާބިތު ދަރަންޏެއް އޮވެ، ފައިސާ ނުދެއްކުމުންނެވެ.

ޣާލިބް ސަލީމް ނަމަކަށް ކިޔާ މީހަކު އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ. އީސީން ވަނީ އެ ގޮނޑިއަށް ކުރިމަތިލާން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.

މަޖިލީހުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާންކުރައްވައިފަ އެވެ. 

އޭގެ ފަހުން ދެ ބޭފުޅަކު މިހާރު ވަނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެއީ 2013 އަދި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) ގެ އިތުރުން މުހައްމަދު އަލީ އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 25 ގަ އެވެ. 

ޕީއެންސީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަަމައަށް ވަނީ ހުޅުވާލައިފަ އެވެ. ސުންގަޑިއަކީ 19 ވަނަ ދުވަހުގެ ހަވީރު ހަޔެކެވެ.