ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކޮށްފައިވާތީ، އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ވަނީ ނިންމައިފަ އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ސުންގަޑިއަކީ 19 ވަނަ ދުވަހުގެ ހަވީރު ހަޔެކެވެ. 

ޕީއެންސީން ބުނި ގޮތުގައި، އެކަކަށް ވުރެ ގިނަ މީހުންގެ ނަން ހުށަހަޅައިފި ނަމަ ބައި އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ. ޕްރައިމަރީ ބާއްވަން ތާވަލް ކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި ހުށަހަޅާ ހުށަހެޅުމާ އެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައް ވެސް ހުށަހަޅަން ވާނެ އެވެ،" ޕީއެންސީގެ އިއުލާނުގައި ވެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުމުގެ ޝަރުތު ހަމަވާނީ އެ ޕާޓީގެ އިއުލާނުގައިވާ ގޮތުން ނަމަ އިލެކްޝަންސް ކޮމިޝަންގެ ޕީއެންސީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށާއި  ޕީއެންސީގެ ދަފްތަރުގައި ހިމެނުމަށް އެދި އިއްޔެ [އޭޕްރީލް 13، 2026] ގެ ހަވީރު ހަޔެއް ޖެހުމާ ހަމައަށް ހުށަހަޅާފައިވާ މީހުންނެވެ.

ޕްރައިމަރީގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަހުގެ 20 ގައި ޕީއެންސީގެ ވެބްސައިޓު www.pnc.mv ގައި އާންމު ކުރާނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދުން ފެށިގެން ފުރުސަތު ހުޅުވާލައިފަ އެވެ. މިއަދުގެ ހެނދުނު 10 އިން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށް އެ ފުރުސަތު އޮންނާނެ އެ ކޮމިޝަނުން ރޭ ކުރި އިއުލާނުގައި ބުންޏެވެ.