ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާތީ އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. 

އެ ކޮމިޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ މީހުން މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10 އިން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ފޯމު ބަލައިގަންނާނީ އީސީ އިން ބުނި ގޮތުގައި  [email protected] އީ-މެއިލް މެދުވެރިކޮށެވެ.

"އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމްބީ އަށް ވުރެ ބޮޑުވެގެން ނުވާނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ލިބުނުކަން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތުން ކަށަވަރު ކުރަން ވާނެ އެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާ ނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ،" އިއުލާނުގައި ވެ އެވެ.

ބައި އިލެކްޝަނަށް ކުރިމަތިލާ މީހުންގެ ފޯމު އީސީ އަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރުފަހު ތިނަކަށް އަދި ހުކުރު ދުވަހުގެ މެންދުރު ދެެއަކުން ހަވީރު ހަތަރެއް ޖަހަންދެން ކަމަށް އީސީން ބުންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް އެދި ހުށަހެޅޭނެ ބައެއް ޝަރުތުތައް:

  1. ދިވެހި ރައްޔިތަކަށްވުން
  2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން
  3. މުސްލިމަކަށް ވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށްވުން
  4. އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން

އީސީން ފާހަގަކޮށްފައިވާ ގޮތުގައި ވަކި ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.

އީސީން ބުނި ގޮތުގައި، ބައި އިލެކްޝަންގެ ވޯޓުލުން ބާއްވާނީ ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖަހަންދެންނެވެ. ރަސްމީ ނަތީޖާ އިއުލާން ކުރަން ނިންމާފައި ވަނީ ޖޫން 8 ވަނަ ދުވަހު އެވެ. 

ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގަ އެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައި ނުވާކަން ސާބިތުވާ ކަމަށެވެ. އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ބުންޏަސް، ހުކުމް ކުރިކަން ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ޝުޖޫން ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް މިހާތަނަށް ތިން ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ. އެއީ އައްޑޫގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސް އަބްދުﷲ ސޯދިގު (ސޯބެ) އާއި 2013 އަދި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) ގެ އިތުރުން މުހައްމަދު އަލީ ކިޔާ ބޭފުޅެކެވެ.

އެކަމަކު ސައީދާއި މުހައްމަދު އަލީ ވާދަކުރައްވާ ހައިސިއްޔަތެއް އަދި ނުނިންމަވަ އެވެ.