ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާތީ، އެ ދާއިރާ އަށް ވާދަކުރުމަށް އިތުރު ދެ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަން ސުޕްރީމް ކޯޓުން އިއްޔެ ނިންމުމާ އެކު، އެ ގޮނޑި އަށް ވާދަކުރައްވަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވީ އައްޑޫގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ ސީނިއާ އެއް މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. 

އޭގެ ފަހުން ދެ ބޭފުޅަކު މިހާރު ވަނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެއީ 2013 އަދި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) ގެ އިތުރުން މުހައްމަދު އަލީ އެވެ. 

ސައީދާއި މުހައްމަދު އަލީ މި ބައި އިލެކްޝަންގައި ވާދަކުރައްވާ ހައިސިއްޔަތާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް އެ ބޭފުޅުން ވެސް މިއަދު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ފެނުނީ ރައްޔިތުންގެ މަޖިލިހުގައި ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ ބައެއް ނެތްކަން. އެހެންވެ، އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ މެންޑޭޓުގައި މަސައްކަތް ކުރާނެ ބަޔަކު އެ ތަނުގައި ތިބެން ޖެހޭނެ ކަމަށް،" ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގަވާ މުހައްމަދު އަލީ ވިދާޅުވި އެވެ.

"އެކަމަށް އަޅުގަނޑު މި ޝައުގުވެރިވަނީ. ރައްޔިތުންގެ ވިސްނުމުގައި މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލިހަށް އަޅުގަނޑު ވަންނާނީ."

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވާދަވެރިކަން ބޮޑުވަމުން އަންނައިރު، ސައީދާއި މުހައްމަދު އަލީގެ އިތުރުން އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސް ސޯބެ ވަނީ އައްޑޫގެ މޭޔަރުކަން 10 އަހަރު ކުރައްވައިފަ އެވެ. އެއީ، 2011 ވަނަ އަހަރު ފެށިގެން 2021 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. 

ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައި ނުވާކަން ސާބިތުވާ ކަމަށެވެ. އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ބުންޏަސް، ހުކުމް ކުރިކަން ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ޝުޖޫން ވިދާޅުވި އެވެ.