ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުގެ ގޮނޑި މިއަދު ގެއްލުމާ އެކު، އެ ދާއިރާ އަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.
އެކަންކަމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރައްވަމުން ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކިކަން ސާބިތުވާތީ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
އެ ހުކުމާ އެކު، ސޯބެ "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ އަބަދު ވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ވިސްނުމުގައި ކަމަށެވެ. އެހެންވެ، ސިޔާސީ ގޮތުން އެ ހިދުމަތް ފުޅާކޮށް، ހިތަދޫގެ ހުސްވެފައިވާ މަޖިލީހުގެ ގޮނޑި ހޯދަން އެމްޑީޕީގެ ޓިކެޓަށް ޝައުގުވެރިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
"އަބަދުވެސް ސިޔާސީ ކަންކަމުގައި އަޅުގަނޑަށް މި އުޅެވެނީ. އެހެންވެ، ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ ގޮތްތައް އަބަދުވެސް ބަލަމުންދާނެ. އެ އުސޫލުން މަޖިލިހަށް ވާދަކުރަން މި ޝައުގުވެރިވީ،" އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި ސޯބެ ވިދާޅުވި އެވެ.
އޭނާ ވަނީ އައްޑޫގެ މޭޔަރުކަން 10 އަހަރު ފުރުއްވައިފަ އެވެ. އެއީ، 2011 ވަނަ އަހަރު ފެށިގެން 2021 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ފުރުއްވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި ބައިއިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.