ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މެމްބަރުކަމުގެ ހުވާކުރުން ރައްޔިތުންގެ މަޖިލީހުން އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މާން އަސްއަދު "މިހާރު" އަށް ވިދާޅުވީ ސޯބެ މެމްބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ހެނދުނު މަޖިލީހުގައި އޮންނާނެ ކަމަށެވެ. 

ހިތަދޫ އުތުރު ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މެންބަރު އަހުމަދު ސިނާންގެ މެމްބަރުކަމުގެ މަގާމު ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް، 62 ވޯޓުގެ ތަފާތަކުންނެވެ. 

އެ ބައި އިލެކްޝަންގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.

ސޯބެ އަށް އެ އިންތިހާބުގައި 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓް ސޮޑާއަށް 1،313 ވޯޓު ލިބުނެވެ.