ހިލަ ލިބުން ދަތިވެގެން ވަރަށް ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް އާއްމުކޮށް ހިލަ ގެންނަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކަމަށާއި މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ހެދި އެ ގައުމުން ހިލަ ލިބުން ދަތިވެފައިވާ ކަމަށެވެ. އެ ކަމަށް ހައްލެއް ހޯދަން ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިންޑިއާ އިން ނަމަވެސް ހިލަ ގެނެވޭނެ އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހިލަ ނުލިބިގެން، ހިލައިގެ ދަތިކަމާ އެއްކޮށް، މަސައްކަތްތައް ކުރިއަށް ނުގޮސް އެބަހުރި،" މުއްތަލިބު ވިދާޅުވި އެވެ.

އިންޑިއާ އިން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ހިލަ ގެންނަމުން އަންނައިރު އެ ގައުމުން ދާދި ފަހުން ވަނީ ހާއްސަ އަގުތަކުގައި ހިލަ ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.

އިންޑިއާ ހައި ކޮމިޝަނުން މި މަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރާއި އަންނަ އަހަރަށް ވެސް، ދެ ގައުމުގެ ދެމެދުގައި ކަނޑައަޅާފައިވާ ބާވަތްތައް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށެވެ. އޭގެ ތެރޭފައި ހިމެނެނީ ބިހާއި ފިޔާ އާއި އަލުވި އާއި މުގާއި ހަނޑުލާއި ހަކުރާއި ފުށް އަދި ހިލަ އާއި ހިލަވެއްޔެވެ. 

 އެެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ގަލްފް ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ވަަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ. އެއާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، އެހެން ގިނަ ބާވަތްތަކުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. 

މެދުއިރުމަތިން ގެންނަ ބާވަތްތައް ލިބުން ދަތިވުމުން އެހެން ސަރަހައްދުތަކުން އެ ބާވަތްތައް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަަމަށް ސަރުކާރުން ކުރިން ވެސް ބުންޏެވެ.