ރަސްމާލެ މަޝްރޫއަކީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޕްލޭން ކޮށްފައިވާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދަން މަޖުބޫރު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށްް ބޭނުންވާ ފްލެޓް އަޅަން މާލެ ސަރަހައްދުގައި ބިމެއް ނެތް ކަމަށާއި ބޯހިޔާވަހިކަން ދޭނެ އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި މިހާރު ހިއްކާފައި ހުރި ބިންތަކުން ލިބޭ ޖާގައިގައި އިމާރާތް ކުރެވޭނީ ގިނަވެގެން 12،000 ފްލެޓެވެ. އެހެންވެ، މުސްތަގުބަލަށް ވިސްނައިގެން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ރަސްމާލެ މަޝްރޫއަކީ މިދެންނެވި ގޮތަށް ހިންގަން މަޖުބޫރު މަޝްރޫއެއް. ރަސްމާލެ މަޝްރޫއާ ނުލައި އަޅުގަނޑުމެންނަކަށް މާލޭގެ ރައްޔިތުންނަށް އިތުރަށް ބޯހިޔާވަހިކަމެއް ހޯދައިދެވޭނެ ގޮތެއް ވެސް ނެތް،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ޑްރީމް" މަޝްރޫއަށް ތާއީދު ކުރައްވަމުން މުއްތަލިބު ވިދާޅުވި އެެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ފަށާފައިވާ ގުޅިފަޅާއި ގިރާވަރުފަޅުގެ މަޝްރޫއަށް ރަސްމާލެ މަޝްރޫއުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށާއި އެ ތަންތަނުގައި ވެސް ރައްުޔިތުންނަށް ދިރިއުޅެވޭނެ މަގު ވީހާ ވެސް އަވަހަކަށް ފަހިކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގުޅިފަޅާއި ގިރާވަރުފަޅުގެ މަޝްރޫއަށް އަދިވެސް ވަރަށް ގިނަ އަދަދެއްގެ ފައިސާ ހޯދަން ޖެހެ އެވެ. ނަމަވެސް ފައިސާ ހޯދަން މިހާރު ދަތިވާތީ ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

ޖުމްލަ 11،000 ހެކްޓަރުގެ ބިން ރަސްމާލެއިން ހިއްކަން ކަނޑައަޅައި 25،000 ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ.