ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ގިރާވަރުން ދޭން ނިންމި 1114 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި.
28 ޑިސެމްބަރ 2025 - 13:42
ގިރާވަރު ފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން ގިރާވަރު ފަޅުން 5،186 ގޯތި ދޭން ނިންމާފައިވާ ކަމަށާއި އެއީ 170 ހެކްޓަރުގެ ބިން ކަމަށެވެ.
އެކަމަކު، އެ ތަނުގައި އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލު ގާއިމުވެފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަނީ 4،072 ގޯތި ގިރާވަރުން ދިނުމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭން ފާސްވުމާ އެކު، އެ ނިންމުން ވަރަށް އަވަހަށް ގެޒެޓު ކުރާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"ކުރީ ސަރުކާރުން ދޭން ކަނޑައަޅާފައިވާ ގޯތީގެ އަދަދަކީ 5،186. އެއީ 170 ހެކްޓަރު. އެހެންކަމުން އެތަނަކީ އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލެއް ގާއިމުވެފައިވާ ތަނެއް ކަމަށް ގަބޫލު ނުކުރެވޭތީ އެ ތަނުން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށް 4،072 ގޯތި އެ ތަނުން ނަގައި އެގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް މިހާރު ވަނީ ގެޒެޓް ކުރުމުގެ މަރުހަލާގައި،" ނޫސްވެރިންނާ ބައްދަލުކުރައްވައި މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގިރާވަރުގެ ބިން ހިއްކުން ފެށުމަށް ފަހު އެ މަސައްކަތް މެދުކެނޑިފައި އޮތުމުން، އެ ތަނުން ގޯތި ލިބުނު ގިނަ ބައެއްގެ ކަންބޮޑުވުން ސަރުކާރަށް ލިބެމުންދާ ކަމަށެވެ. އަދި ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ނިމުމާ އެކު، އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގިރާވަރުން ގޯތި ލިބުނު މީހުންގެ މެދުގައި ޖެނުއަރީ މަހު ގުރުނެގުން ބާއްވާނެ އެވެ. އަދި ބިން ހިއްކާ ނިމެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
"އެެހެންވީމަ އެ ކަންބޮޑުވުން އޮތީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަ މަސް ތެރޭގައި ގޯތިތައް ހަވާލުކޮށް އެ އުއްމީދު ގެނައުމުގެ މަސައްކަތް ކުރާނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ހުޅުމާލެ އާއި ގުޅިފަޅެކޭ އެއްގޮތަށް ގިރާވަރު ފަޅަކީ ވެސް މުސްތަގުބަލެއް އޮތް ތަނެއް ކަމަށާއި އެއީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ލިބި، މަންފާ ހޯދޭނެ ތަނެއް ކަމަށެވެ. އަދި ސަރުކާރުގެ ޕްލޭނަކީ ބްރިޖުން ގިރާވަރު ގުޅާލުން ކަމަށް ވާތީ ކުރިމަގުގައި ގިރާވަރު ވާނީ އެހެން ތަންތަނެކޭ އެއްގޮތަށް ފެންވަރު ރަނގަޅުކޮށް އާބާދުކުރެވޭ ތަނަކަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ގިރާވަރު ފަޅުން 160 ހެކްޓަރުގެ ބިން ހިއްކާށެވެ. އޭރު މަސައްކަތް ފަށައިގެން ގޮސް 50 ހެކްޓަރުގެ ބިން ހިއްކާފައި ވިޔަސް ފަހުން މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެކަމަކު އެ މަސައްކަތް އަލުން ފަށައި 2-3 މަސް ތެރޭގައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތަށް ފަހު، ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރު ފަރު ހިއްކާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތާކުންތާކު
28 December 2025
“ އެ ތަނުގައި އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލު ގާއިމުވެފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.“ ކޮބާ ބާކީ ތިބިއެންމެން، އެމީހުން ދިރިނޫޅެވޭ ތަނެއްގައި ވަކި އުޅޭނީ ކިހިނެތް
ވާނުވާގައި ބައިތިއްބަންވާނީ ޤާނޫނުގައި ބުނާމިންވަރަށް
28 December 2025
ޝަރުޠުހަމަވާކަން އިނގެނީ ހަމައެކަނި ހައުސިންގ މިނިސްޓްރީއަކަށް ނޫން. ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ޝަރުޠުހަމަވެ ގޯތިދީ ރަޖިސްޓްރީ ޙަވާލުކޮއްފައިވާ ފަރާތްތައް ޕޯޓަލުން އުނިކޮށް އެފަރާތައްތަކަށް ވީނުވީއެއް ނައަންގާ ކޯމާއެއްގައި ނުބައިތިއްބާ ކަންކަން ވީހާވެސް ރަނގަޅަށް ރެގިއުލާކޮށް ކިޔައިދެއްވަމުން ގެންދަވާ. އަޅުގަނޑުމެންގެ ޙައްގެއް ގެއްލޭތަން ބަލާކަށް ނުތިބޭނަން .. މީގެމާނަ ވަރަށް ސާފްކޮށް ގައުމުގެ އަފުރާދުންނަށް އިނގޭނެ
ވެރިން
28 December 2025
މިނިސްޓަރު ތިބުނާ ގޮތައްކަންތައްހުރިއްޔާ ކީއްވެ ހުރިހާ ގޯޗެއް ބަދަލު ނުކުރީ، ތީ މިނިސްޓަރުމެއްނަށް ފެއްނަބަޔަކަށް ރަގަޅު ގޮތް ހޫދަދޭން ވެގެން ކުރަން އުޅޭ ކަމެއް
ހަނުއެނބުރުން
28 December 2025
މިސަރުކާރަކަށް އެންމެ ގޯއްޗެއްވެސް ފުލެޓެއްވެސް އަދި ނުދެވޭ... ކުރީސަރުކާރުން ކޮށްފަހުރި ކަންކަން އެކޮޅު މިކޮޅަށް އަނބުރަ އަނބުރާ ތިބެނީ..
ޫުުުުު
28 December 2025
ކަނޑުފަޅުން ދިން ގޯތިތައް ހިކިފަސް ތަނަކަށް ބަދަލުކުރީ ކާކު؟ ކޮންމެ ސަރުކާރެއް ނިމެން ކައިރިވީމަ ކައިރި ކަނޑުތަކާ ފަޅުތަކުން ގޯތި ދީފަ ދިޔާމަ އެއޮތީ ގޯދި ދެވިފަތަ؟
ސުންބުލި
28 December 2025
މިސަރުކާރަށްވެސް މިދާވަރުންވާނީ ތިހާކަށްވަރު. އެންމެ ބޮޑުވަރަކަށް ގަހެއް ރުކެއް މަގެއްނެތް ފިނޮޅަކުން ގޯތިދީފާނެތޯއްޗެއް.
1254
28 December 2025
ތިޔަ ނިިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް. ގިރާވަރު ފަޅަކީ މިވަގުތަށް ގޯތިދޭ ތަނެއްގެ ގޮތުގައި ނުބޭއްވުން ރަނގަޅު. ގްރޭޓަރ މާލޭ ސަރަހައްދު ނަމަ ޑިމާންޑުކުރާނެ ބުރިޖެއްވެސް. އެހެންވީމަ ބުރިޖާ ހޮސްޕިޓަލާ ސްކޫލާ ކަރަންޓާ ފެނާ ނަރުދަމާއަށް ކުރަންޖެހޭނެ ބޮޑު ޚަރަދު ކުޑަވެގެންދާނެ ކަމެއް ތި ކުރެއްވީ. ހަމައެކަނި ޚަރަދަކަށްވާނީ، ގުޅީފަޅަށް އިތުރު 10 ވަރަކަށް ހެކްޓަރ ބިން އިތުރުކޮށްލުން. އެއީ މިހާރު ފެންފޮދެއްބޯލުންފަދަ ފަސޭހަކަމެއްނު.
ގުނބޯޅަހުއްތު
28 December 2025
ގިރާވަރު ސަކަރާތް އެކަމު ރަސްމާލެ އޯކެޭ؟؟
މަބުނީ
28 December 2025
ގުޅީފަޅަށް ބިންއިތުރުނުކޮށް ގޯތިދެނީ ކޮންތާކުން.
ނިމިފައި
28 December 2025
އެއީ މިހާރު ނިމިފައި އޮތް ކަމެއް. ބައެއް ގޯތިތަކުގެ ރަޖިސްޓަރީވެސް ވަނީ ހަވާލުކޮށް ނިމިފައި.