ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ބައެއް މިނިސްޓްރީތައް އެއްކޮށްލުމުން، ހަ މިނިސްޓްރީއެއްގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމު ގެއްލޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ. 

ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން ރޭ ވަނީ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް 15 އަށް މަދުކޮށް، ކެބިނެޓް އަލުން އެކުލަވައިލައިފަ އެވެ. އެ ގެނައި ބަދަލުތަކުގެ ސަބަބުން ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތައް ވަނީ އެއްކޮށްލައިފަ އެވެ. 

އެ ބަދަލާ އެކު މަގާމު ގެއްލޭނީ: 

  • އެގްރިކަލްޗާ މިނިސްޓްރީ ޕީއެސްގެ މަގާމުގައި ހުންނެވި މުހައްމަދު އަނީސް
  • ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ކަމުގައި ހުންނެވި އައިޝަތު ހިކުމާ
  • ޔޫތު މިނިސްޓްރީ ޕީއެސް، ފާތިމަތު އަހުމަދު 
  • ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ވަލީދާ މުހައްމަދު 
  • ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް ކަމުގައި ހުންނެވި މަރިޔަމް ޝަހާނާ
  • ސިޓީސް މިނިސްޓްރީގެ ޕީއެސް މޫމިނާ ވަހީދު  

ޕީއެސް އިންގެ މުސާރައަކީ މަހަކު 20،500ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ލިބެ އެވެ. 

ސަރުކާރުން ގެނައި ބަދަލުތަކާ އެކު ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ވަނީ އުވާލައިފަ އެވެ. އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައި ހިންގި މިނިސްޓްރީގެ ނަން އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ވަނީ ބަދަލުކޮށް، ސިޓީސް މިނިސްޓްރީގެ ޕަބްލިކް ވޯކްސްއާ ގުޅޭ މަސައްކަތްތައް ބަލަހައްޓާނީ ދެން އެ މިނިސްޓްރީންނެވެ. އަދި ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލާފައިވާއިރު ކުރިން އެގްރިކަލްޗާގެ ދަށުން ހިންގި އެނިމަލް ވެލްފެއާ ވަނީ އުވާލައިފަ އެެވެ. 

އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީ އެއްކޮށްލާފައިވާއިރު ޓޫރިޒަމް ގެނެސްފައި ވަނީ ސިވިލް އޭވިއޭޝަނުގެ ދަށަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލާފައިވާއިރު ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ވެސް ވަނީ އެއް މިނިސްޓްރީއެއްގެ ގޮތަށް ބަދަލުކޮށްފަ އެވެ. ކުރިން ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖުގެ ނަމުގައި ހިންގި މިނިސްޓްރީގެ ނަން ވެސް ވަނީ  އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖަށް ބަދަލުކޮށްފަ އެވެ. 

ސީއެސްސީން މިއަދު ބުނީ، އެއްކޮށްލި މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޓްރާންސްފާ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ.

ދިހަ މިނިސްޓަރަކު އިސްތިއުފާ ދެއްވީ ރައީސް އޮފީހުން ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. 

އަކަށް އެކުލަވާލެއްވި މިނިސްޓްރީޓްރީތަކާއި އެ ތަންތަނަށް އައްޔަންކުރެއްވި މިނިސްޓަރުން

  • ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
  • ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
  • ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް 
  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
  • އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
  • އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް 
  • ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
  • އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
  • ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
  • ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރަކަށް އަހުމަދު ޝިޔާމް

ގިނަ އަދަދެއްގެ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވިއިރު ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން އިސްތިއުފާ ދެއްވައި އަދި ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހުގަ އެވެ.