ދެކުނުގެ ރަށެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ބަލިވެއިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެއީ ގްރޭޑު 11 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. މިހާރު ބަނޑަށް އަށް މަސް ވެފައިވާ އެ ދަރިވަރު މިދިޔަ ހަފުތާގައި ވެސް ސްކޫލަށް ދިޔަ ކަމަށް އެނގިފައި ވެ އެވެ. އަދި ބައެއް މުބާރާތްތަކުގައި ވެސް ބައިވެރިވި އެވެ.

އެނގިފައިވާ ގޮތުގައި، ކުއްޖާގެ އާއިލާގެ މީހުންގެ އެހީތެރިކަމާ އެކު ޑޮކްޓަރަށް ދެެއްކީ "ބަނޑު ހަރުވެ" އާދަޔާ ހިލާފު ކަންކަން ފާހަގަކުރެވިގެންނެވެ. 

"އޭރު ވެސް އާއިލާގެ މީހުންނަކަށް ނޭނގޭ. ޑޮކްޓަރަށް ދައްކައި ސްކޭނެއް ހެދީމާ އާއިލާ އަށް އެނގުނީ،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އެއީ އެ ރަށު ސްކޫލްގައި އާދަޔާ ހިލާފަށް މޮޅު، ކިޔެވުމުގައި ފާހަގަކުރެވޭ ދަރިވަރެއް ކަމަށް ވެ އެވެ.