މިހާރު މާލޭގައި ކޮންމެ ރެޔަކު ބާއްވަމުން އަންނަ ސިޔާސީ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަ ދައްކައި އާންމުންގެ މެދުގައި ނަފްރަތު އުފައްދައި ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެ ކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިރޭ ގޮވާލައިފި އެވެ.
އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން ސިލްސިލާކޮށް ސަރުކާރާ ދެކޮޅަށް އަންނަނީ މިހާރު އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތައް ހުއްޓުވުމުގެ ތެރޭ ފުލުހުންނާ ކުރިމަތިލުންތައް ހިނގައި ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެ އެވެ.
އެއްވުންތަކާ ގުޅިގެން އެޗްއާރްސީއެމް އިން މިރޭ ނެރުނު ބަޔާނުގައި ބުނީ މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފް ނުވާ ގޮތަށް އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ހިޔާލުތައް ފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ވިޔަސް މި ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކާގެ ހައްގުތަކަށް އިހްތިރާމް ކުޑަނުވާ ގޮތަށް ކަމަށެވެ.
"ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފާޅުކުރެވޭ ހިޔާލުތަކުގައި ވެސް މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރުލިބޭ ގޮތަށް ފާޅުކުރެވޭ ހިޔާލުތަކަކީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ރޫހާ ހިލާފް އަމަލުތަކެއްކަން ފާހަގަކުރަމެވެ." އެއްވުންތަކުގައި ކުރި ވަކި ކަމެއް ނުވަތަ ދެއްކި ވާހަކައެއް ފާހަގަނުކޮށް، ބަޔާނުގައި ބުނެފައިވެ އެވެ.
މިފަދަ އަމަލުތައް ކުށްވެރިކުރަމުން އެޗްއާރްސީއެމް އިން ބުނީ ސިޔާސީ ޕާޓީތަކުންނާއި ފާޓީތަކުގެ އިސްފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް އެ ކޮމިޝަންގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައިވެ އެވެ.
އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކުރުމަށް އެދިފަ އެވެ. އަދި އެފަދަ ކަންކަން ނުހިނގާނެ ގޮތަށް ސިޔާސީ ޕާޓީތަކުން ކަންކަން އިންތިޒާމްކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ހަމަޖެހިފައިވާ ގަވައިދުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން އެއްބާރުލުން ދިނުމަށް ވެސް ވަނީ ކޮމިޝަންގެ ބަޔާނުގައި އެދިފައިވެ އެވެ.